ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ "ކޯފްސީ" ސިރަޕުގައި ކޮލިޓީ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަކުރެވިފައިވާތީ އެބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އެލާރޓެއްގައި ވިދާޅުވީ، ރާއްޖޭގެ މާކެޓުގައި ލިބެންހުންނަ ބޭހަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ކޮލިޓީ ބެލުމަށް ކުރިއަށްގެންދިޔަ، ބޭހުގެ މާކެޓް ސަރވައިލެންސްގެ ތެރެއިން ކެއްސާތީ ކުޑަކުދިންނަށް ދެމުން އަންނަ ބޭހެއްކަމަށްވާ "ކޯފްސީ" ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މިމަހުގެ 20 ފެށިގެން މިބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފައިވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
— Ministry of Health (@MoHmv) August 20, 2025
މިއާއެކު ފާމަސީތަކުގައި މިބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސް ނައްތާލުމުގެ މަސައްކަތް ކުރުމަށް އެއޮތޯރިޓީންވަނީ ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންގަވާފައެވެ.
މިބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެ އެފަދަ ރިޕޯޓެއް އެމްއެފްޑީއޭއަށް ލިބިފައިނުވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.