ކުޅިވަރު

ކެޕްޓަން ރޮމޭރޯ އެއްބަސްވުން އައުކޮށްފި


ޓޮޓްނަމް ހޮޓްސްޕަރގެ ކެޕްޓަން އަދި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ހަތަރު އަހަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޭނާ އެއްބަސްވުން އައުކުރީ ސްޕޭނުގެ ބޮޑު ތިން ކުލަބުންވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އެއީ ރެއާލް މެޑްރިޑާއި ޗެމްޕިއަން ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ޓޮޓްނަމާ ގުޅުނީ 2021 ވަނަ އަހަރު ލޯނު އުސޫލުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް 126 މެޗު ކުޅެދީ އަށް ގޯލު ޖަހައިފަ އެވެ. އަދި ހުސްވި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށް 17 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތައްޓެއް ހޯދިއިރު ކުލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީވެސް އޭނާއެވެ.

އޭނާއަށް ކެޕްޓަންކަން ދިނީ އެތުލެޓިކޯ މެޑްރިޑުން އޭނާ ގަތުމަށް ހުށަހެޅުމާއެކު ކުލަބުގައި އޭނާ ބަހައްޓަން ބާރުއެޅުމުގެ ގޮތުންނެވެ.

"އަހަރުމެން ބޭނުންވަނީ މޮޅުވާން. ކީއްވެ އަހަރުމެންނަށް މި ސީޒަނުގައި ކާމިޔާބު ނުކުރެވެންވީ. މި ކުލަބަށް އިތުރު ތައްޓެއް ލިބުމަކީ ކުލަބުގެ އެންމެނަށް ވެސް ވަރަށް މުހިނންމު ކަމެއް. އަހަރެންނަށް މިއީ ދުނިޔޭގެ އެންމެ މޮޅު ކުލަބު. މިދިޔަ ދެ ހަފުތާފައި އަހަރެންނަކީ ކެޕްޓަން. މިހާރު އަހަރެން މި ވަނީ ކޮންޓްރެކްޓް އާކޮށްފައި. އެހެންވީމާ މިއީ ރަނގަޅެއް،" ރޮމޭރޯ ބުންޏެވެ.

ޓޮޓްނަމުގެ ކޯޗު ތޯމަސް ފްރޭންކް ބުނީ ރޮމޭރޯ އަކީ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އޭނާ ވެސް އެންމެ އިހުތިރާމުކުރާ އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި އޭނާ އަށް ކެޕްޓަން ދިނީ ކުޅުންތެރިންގެ ތެރޭގައި އޭނާ އަށް އޮތް އިހުތިރާމުވެސް ފެނުމުން ކަމަށެވެ.