ޚަބަރު

"މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި ރައްކާތެރިކަން އިސްކުރަންޖެހޭ"


  • ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް

  • ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރެއްވި

މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި ރައްކާތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް އިލްތިމާސް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އެއީ، އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމެ އެއްކަން ކަމަށެވެ. ނައިބުރައީސް ވަނީ، ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރު ކަމާއެކު، މަގުމަތީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށްވެސް ނައިބުރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. އަދި މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުންތަކުގެ ސަބަބުން އުމުރު ދުވަހު ނުކުޅެދޭ ހާލަތުގައި ދިރިއުޅެންް ޖެހޭ ހާލަތްތައްވެސް މެދުވެރިވެއެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެކްސިޑެންޓުތަކުގެ 1064 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.