މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާތައް އެއް މުއައްސަސާއަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ބިލެއް ހުށަހަޅުއްވައިފިއެވެ. މީގެ ކުރިންވެސް މިފަދަ ބިލެއް މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލުގެ ނަމުގައި ވަނީ މަޖިލީހަށް ފޮނުވިއެވެ. ނަމަވެސް އެ ބިލު ވަނީ އަނބުރާ ގެންގޮސްފައެވެ.
ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ހުށަހެޅުއްވީ ކުރިންވެސް އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މި ބިލު ހުށަހެޅުއްވި މަގުސަދެއްކަމަށް ބަޔާން ކުރައްވާފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީދިއާތަކާއި މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ބިލު ޤާނޫނަކަށްވުމާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ޤާނޫނާއެކު މިހާރު އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު އުވާލެވި، ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އުވާލެވޭނެއެވެ. އަދި މި ޤާނޫނުތަކުގެ ދަށުން މިހާރު އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންވެސް އުވިގެންދާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނު ވުޖޫދުވުމާއެކު އެކުލަވާލާ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސް، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭގޮތަށް ބިލުގައި ބަޔާންކޮށްފައިވާއިރު ނައިބު ރައީސް އައްޔަން ކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީޑިއާތަކުން އިންތިޚާބު ކުރާ މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި މަގާމަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާތާ 5 އަހަރުވެފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންނާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާނީ 5 އަހަރުގެ ދައުރަކަށެވެ. އެއްވެސް މެންބަރަކަށް ދެ ދައުރަށްވުރެ ގިނަ ދައުރު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި މީޑިއާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ހިމަނާފައިވާއިރު އެ އުސޫލުތައް އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުތަކާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ބްރޯޑްކާސްޓަރަކު އުސޫލުތަކާ ޚިލާފުވެއްޖެނަމަ އެކަމެއް ރަނގަޅުކުރުމަށް އަންގައި ތަކުރާރުކޮށް އެ އުސޫލަކާ ޚިލާފުވާނަމަ އެ ފަރާތެއްގެ ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީގެ %10 އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބޭނެއެވެ. އަދި ތަކުރާރުކޮށް ޤާނޫނާއި ގަވާއިދާ ޚިލާފުވާނަމަ އެ ބްރޯޑްކާސްޓަރެއްގެ ލައިސަންސް ބާތިލުކުުރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން ކޮމިޝަނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން ނޫސް މަޖައްލާއެއް ތަކުރާރުކޮށް ސުލޫކީ މިންގަނޑާ ޚިލާފުވާނަމަ 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފުވާނަމަ މައްސަލަ ނިމެންދެން ވަގުތީގޮތުން ރަޖިސްޓްރީ ބާތިލުކުމާއި ތަކުރާރުކޮށް ޤާނޫނާއި ޤަވާއިދާ ޚިލާފުވާނަމަ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ދިއުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ކޮމިޝަނުން ކަމެއް އިސްލާހުކުރުމަށް އަންގާ މުއްދަތުގެ ތެރޭގައި އެކަމެއް އިސްލާހުނުކޮށްފިނަމަ 5000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.