ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް 1 އިން ފިޓްސް އެއަރއަށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ޓާރމިނަލް 1އަކަށް ބަދަލުކުރި 4 ވަނަ އެއަރލައިން އަދި ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ސްރީ ލަންކާގެ ފުރަތަމަ އެއަރލައިނެވެ.
ފިޓްސް އެއަރއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1އިން ޚިދުމަތް ދޭން ފެށުމަށް އެޓާމިނަލުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.
މި ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއެއަރލައިނުން ފުރި 71 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ފިޓްސް އެއަރގެ ފުރަތަމަ މަތިންދާ ބޯޓު, 8ޑީ-921 އަށް ޚާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން، ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އަދި ފިޓްސް އެއަރގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކުވެސް ބައިވެރިވިއެވެ.
ފިޓްސް އެއާ އަކީ ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. އެ އެއާލައިން އިން ރާއްޖެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރުރަށް ފެށީ 2022ގައެވެ.
ޓާމިނަލް 1 އިން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާގެ އިތުރުން ލަގްޒަރީ އެއާލައިން, ބިއޮންޑްއަށް ހިދުމަތް ދޭން ފަށާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ވެލާާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ދަތުރު ކުރާ ބައިނަލްއަގުވާމީ ހުރިހާ އެއަރލައިނެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައު ޓަރމިނަލަށް ބަދަލުކުރުމަށް އެމްއޭސީއެލްއިން ދަނީ ތައްޔާރުވަމުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ.