ޚަބަރު

މަސްވެރިކަމުގެ މޫސުމަށް މިފްކޯއިން ގިނަ ތައްޔާރީތަކެއް


  • ކޫއްޑޫގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށް

  • ރ. އަދި ބ. އަތޮޅުގައި މަސްކިރާ ބޯޓު ފަހަރު ހަރަކާތްތެރިވާނެ

މަސްގަތުމުގެ އިންތިޒާމްތައް ހަރުދަނާކޮށް، މި އަހަރުގެ މަސްވެރިކަމުގެ މޫސުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެވެ.

މަސްވެރިކަން ރަނގަޅުވެ، މަސްބާނާ މިންވަރު އިތުރުވާ ދުވަސްވަރު މަސް ނުކިރުވޭކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުން ގެންދެއެވެ. ސަރުކާރުން ގެންދަނީ މަސް ގަނެ ޕްރޮސެސްކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ މަސްވެރިކަމުގެ މޫސުން ފެށޭނީ އަންނަ މަހުގައިކަމަށްވުމުން މިފްކޯއިން ދަނީ މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ޕްރޮސެސިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކާއެކު މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައ،ި ކޫއްޑޫގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެއެވެ.

މިފްކޯއިން ވިދާޅުވީ ކޫއްޑޫގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއ،ި ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިފްކޯގެ މަސް ގަންނަ ބޯޓުތަކުގެ އިންޖީނުތައް އޯވަރހޯލްކޮށް މެޝިނަރީސް މާރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިދިޔަ އަހަރުގެ މަސްވެރިކަމުގެ މޫސުމަށް ބަލާ މި އަހަރުގެ މަސްވެރިކަން އެންމެ ރަނގަޅުވާނެކަމަށް ލަފާކުރެވޭ ސަރަހައްދުތައް ބަލާ އެ ސަރަހައްދުން މަސްގަތުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ. މިފްކޯއިން ވިދާޅުވީ ރ. އަތޮޅާއި ބ. އަތޮޅު ސަރަހައްދުގައި މަސްކިރާ ބޯޓު ހަރަކާތްތެރިވާނެ ކަމަށެވެ.

މިފްކޯއިން ދަނީ އައްޑުއަތޮޅުން ގަންނަ މަސ،ް ހުވަދުއަތޮޅަށް މިހާރު ގެންދިޔުމުގެ ބަދަލުގައ،ި ސީދާ އައްޑޫއަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އެކުންފުނިން ވިދާޅުވީ އައްޑޫގައި މަހަށް އަގު އެއްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ. މިއާއެކު ކޮންޓެއިނަރުތައް ޑަބަލް ހެންޑްލިންގ އިން ކުރުމާއި ކޫއްޑޫގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް މިފްކޯއިން ވިދާޅުވެ.

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ގްލޯބަލް ޕްރޮޖެކްޓްސްއާ ޙަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިހާރު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިމަޝްރޫޢުގެ ސަބަބުން 6000 މެޓްރިކް ޓަނަށް ގއ. ކޫއްޑޫގެ ސްޓޯރޭޖު އިތުރުކުރެވޭނެއެވެ.

މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ. ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މިފްކޯގެ އަމާޒަކީ ދިވެހި މަސްވެރި ސިނާޢަތާއި މަސްވެރިންގެ ޚިދުމަތުގައި ކުރަމުންދާ މަސައްކަތް ތައް ފައިދާހުރ،ި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމެވެ.