ލ. ކައްދޫ އެއަރޕޯޓް ކައިރިން ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަރޕޯޓަށްދާ މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ މިރޭ 7:18 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޒިބްރާ ކްރޮސްއިން މަގު ހުރަސް ކުރި ދެ މީހުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މީހުންނަށް ފަރުވާ ދިނުމަށް ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަނިޔާވި އަންހެނުންގެ ތެރެއިން އެކަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ނިޔާވީ މިރޭ 10:22 ހާއިރު ކަމަށް މާވަށު ކައުންސިލް ރައީސް އަހުމަދު މޫސާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވިއެވެ.
މާވަށު ކައުންސިލް ރައީސް ވިދާޅުވިގޮތުގައި މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ ނިޔާވި އަންހެން މީހާއާއި އޭނާއާއެކު މަގު ހުރަސްކުރަން އުޅުނު އޭނާގެ ފިރިހެން މާމާ ދަރިފުޅަށެވެ. ސައިކަލުގައި ތިބި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށް މައުލޫމާތު ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރައްވަމުންނެވެ.