ޚަބަރު

މާޒިޔާއަށް ފައިދާ ބޮޑު، ނުކުންނާނީ އުނދަގޫ ހާލަތްތަކަށް ވިސްނައިގެން: އަރަބިގެ ކޯޗު


އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގެ މެޗަށް ނިކުންނައިރު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ގިނަ ފައިދާތަކެއް އެބަހުރި ކަމަށާއި، އެހެންނަމަވެސް ނިކުންނާނީ އުނދަގޫ ހާލަތްތަކަށް ވިސްނައިގެން ކަމަށް އަލް އަރަބިގެ ކޯޗު މާކޯ އަލްވެސް ބުނެފިއެވެ.

މާދަމާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލް އަރަބިގެ ކޯޗު ބުނީ މިއީ މުހިންމު މެޗެއް ކަމަށާއި، ރާއްޖޭގައި މެޗު ކުޅެން ޖެހޭއިރު އުނދަގޫ ހާލަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ކޮންޑިޝަންވެސް ތަފާތު ކަމަށާއި، މީގެ ކުރިން އަރަބިގެ ކުޅުންތެރިން ކުޅެފައިވާ ދަނޑުތަކާއި ވަރަށް ބޮޑަށް ގްރައުންޑް ތަފާތުކަމަށެވެ. އަދި މާޒިޔާއަށް އަމިއްލަ ގައުމުގައި ކުޅެން ޖެހުމުގެ ފައިދާ އާއި މި މެޗަށް މާޒިޔާއިން ދުރާލާ ތައްޔާރުވަމުން އައުމަކީ ފައިދާތަކެއް ކަމަށް ކޯޗު ވިދާޅުވިއެވެ.

އަރަބި ޓީމުން ވަނީ ޕްރީސީޒަންގެ ގިނަ މެޗުތަކެއް ކުޅެފައި ކަމަށާއި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެފައިވާއިރު މިއީ އަރަބި އަށް އޮތް އެޑްވާންޓޭޖެއް ކަމަށާއި، އެހެންކަމުން މި މެޗުން މާޒިޔާ އަތުން މޮޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ބުންޏެވެ.

އަދި މާޒިޔާއިން ކުޅުނީ މަދު މެޗުތަކެއް ނަމަވެސް، ވާދަވެރި މެޗުތަކެއް ނެތުމުން މާޒިޔާއިން އައީ ހަމައެކަނި މިމެޗަށް ފޯކަސްކޮށްގެން ފަރިތަކުރަމުން ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

އަދި މާޒިޔާގެ ބޭރު ކުޅުންތެރިންނަކީ އެ ޓީމާއެކު ގިނަ ދުވަސްތަކެއް ވެފައިވާ ކުޅުންތެރިންކަމަށާއި، އަރަބިގެ ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވާތީ އެ ތަފާތުވެސް ދެ ޓީމުން ފެންނާނެ ކަމަށް އަރަބިގެ ކޯޗު ބުންޏެވެ.

އަރަބިގެ ކޯޗު ބުނީ މި ސަބަބުތަކަކީ ބަހަނާއެއް ކަމަށް ނުބަލާނެ ކަމަށާއި، މާޒިޔާ އަތުން މޮޅުވެ ގުރޫޕް ސްޓޭޖަށް ދިއުމަށް ކުރާ އުންމީދު ވަރަށް ބޮޑު ކަމަށް ކޯޗު ބުންޏެވެ.