ސިފައިންގެ ހިތްތަކުގައި އިތުރަށް ޤައުމީ ރޫޙު ދިރުވާ ޤައުމީ ލޯބި އާލާކުރުމުގެ މަޤްޞަދުގައި ރޭ ޖަލްސާއެއް ބާއްވަވައިފިއެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ. މި ޖަލްސާގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ޢުމްރާނީ ތަރައްޤީއާއި ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މި ޖަލްސާގައި ސިފައިންނާއި މުޙާތަބުކޮށް ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ދެއްކެވި ވާހަކައިގައި ބޮޑުރަސްގެފާނުގެ ޤައުމީ ޚިދުމަތުން މިއަދުގެ ސިފައިން ހިތްވަރު ލިބިގަނެ ޤައުމީ ވާޖިބު އިސްކުރުމަށް ގޮވާލެއްވިއެވެ. އަދި ޢިލްމީ ދިރާސާގެ އަލީގައި މުޙައްމަދު ޢިމާދުއްދީން 1 ވަނަ ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ޙިކުމަތު ޢަމަލީގެ މައްޗަށް ޢިބުރައްތެރި ވާހަކަތަކެއް ސިފައިންނާއި ހިއްސާކުރެއްވިއެވެ. ޤައުމީ ބަތަލުންގެ އަގުމާތް ފަތްފުއްތަކުން ޢިބުރަތް ލިބިގަތުމަށް ފުންކޮށް ވިސްނައި، ޤައުމާމެދު ފާރަވެރިވުމުގެ މައްޗަށްވެސް ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ބައްލަވާލެއްވިއެވެ.
ސިފައިންގެ ހިތްތަކުގައި އިތުރަށް ޤައުމީ ރޫޙު ދިރުވާ ޤައުމީ ލޯބި އާލާކުރުމަށް ބޭއްވި މި ޖަލްސާގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.
ރޭގެ ޖަލްސާ ނިންމާލާފައިވަނީ ޙާއްޞަ ދުވާއެއް ކުރުމަށްފަހުކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.