ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ޝަހީދު ކުރަމުންދާ ކަން އެކުވެރި ދައިލަތްތައް (އދ)ން ހާމަކޮށްފިއެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު ޣައްޒާއިން ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 18,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަން އދގެ އިދާރާތަކުން ހާމަކުރިއެވެ.
"ބޮންއަޅައިގެން ޝަހީދު ކުރުން. މެލްނިއުޓްރިޝަނާއި [ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ހާލަތު] ހައިހޫނުގައި ޖައްސައިގެން ޝަހީދު ކުރުން. އެހީއާއި ޒަރޫރީ ޚިދުމަތްތަކުން މަޙްރޫމު ކޮށްގެން ޝަހީދު ކުރުން. ޣައްޒާގައި ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ދަނީ ޝަހީދު ކުރަމުން—އެއީ ކިލާސްރޫމެއްގެ ސައިޒު،" އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ހާމަކުރިއެވެ.
އެ އިދާރާއިން ބުނީ، ޣައްޒާގެ ކުޑަކުދިންނަށް ފައިދާހުރި ކާނާ ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އެ ކުދިން ހައިހޫނުގައި ޖެހެމުންދާ ކަމުގައެވެ. އަދި، ސާފު ބޯފެނާއި، ބޭހާއި، ރައްކާތެރިކަމުން ޣައްޒާގެ ކުޑަކުދިން މަޙްރޫމު ކުރުވާފައިވާ ކަމުގައެވެ. "އިތުރު ކަމަކަށް ވުރެ ބޮޑަށް މި ވަގުތު އެ ކުދިންނަށް ބޭނުން ވަނީ [ޔަހޫދީންގެ ލާއިންސާނީ] ޢުދުވާން ހުއްޓައިލުން،" ޔުނިސެފުން ބުންޏެވެ.
އެ އިދާރާއިން ބުނީ، ޣައްޒާ ޢުދުވާން ފެށި ފަހުން ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 18,000އަށް އުފުލިފައިވާ ކަމުގައެވެ. އެއީ، ކޮންމެ އެއް ގަޑިއިރެއްގެ ތެރޭގައި މައުސޫމު އެއް ކުއްޖެެއްގެ ފުރާނައެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ އަދަދު 60,933އަށް އަރާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޣައްޒާގެ މަޞްދަރުތަކުން ބުނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އަަށް މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ވެސް ކުޑަކުއްޖަކު ހިމެނޭ ކަމުގައެވެ. މީގެ އިތުރުން ކާބޯތަކެތި ނުލިބިގެން ބަނޑަށްޖެހިގެން 188 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ވެސް 94 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗާއި ސާފު ބޯފެނުން މަޙްރޫމު ކުރުވުމުގެ ގޮތުން ޔަހޫދީން ވަނީ އެ ސަހަރުގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ.
ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ގިނަ ދުވަސްތަކަކަށް ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ބަންދު ކޮށްފައި އޮތުމަށް ފަހު، މި ވަގުތު ޔަހޫދީން ދަނީ ދުވާލަކު 86 ލޮރީގެ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދެމުންނެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ދުވާލަކު 600 ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެ ނުކުރެވޭ ނަމަ، އެ ސަހަރުގެ ރައްޔިތުން ހައިހޫނުގައި ޖެހޭނެ ކަމުގައެވެ.
ޣައްޒާ ޢުދުވާން ހުއްޓައިލުމަށް އދގެ އިތުރުން ބައިނަލްއަޤްވާމީ 150 ޖަމުޢިއްޔާއަކުން ވަނީ ޔަހޫދީންނަށް ގޮވައިލާފައެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަރުގާރު ކަމުގައިވާ އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީން ދަނީ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ. ޣައްޒާއަށް ވެރިވެގަނެ، އެ ސަހަރުގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން އަޅުވެތި ކުރުމަށް ވެސް ޔަހޫދީން މިހާރު ދަނީ ތައްޔާރުވަމުންނެވެ