ޚަބަރު

ފުރަތަމަ 6 މަސްދުވަހު ފްލައިޓް މޫވްމަންޓްސް %5.6 އިތުރު


  • ޝެޑިއުލް ދަތުރުތައް %6.2 އިތުރު

  • ފިނި މޫސުމާއި ދިމާކޮށް ގިނަ އެއަރލައިންތަކުން ދަތުރުތައް އިތުރުކުރާނެ

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %5.6 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ. ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް ބައިނަލްއަޤްވާމީ ފްލައިޓްތަކުން 8،807 ދަތުރުވަނީ ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ދަތުރުކޮށްފައިވަނީ 8،337 ފްލައިޓެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއަށް ޝެޑިއުލް 8،088 ދަތުރުވަނީ ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 7،611 ދަތުރެވެ. އެހެންކަމުން މިއީ %6.2 އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޖެނެރަލް ފްލައިޓް މޫވްމަންޓްސް އުޅުނީ 719 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 726 ގައެވެ. ޖެނެރަލް ފްލައިޓްތަކުގެ ގޮތުގައި ބަލަނީ ޗާޓަރ ފްލައިޓްތަކާއި ފްލައިވެޓް ޖެޓްތަކެވެ.

ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކަކުން ދަނީ އެ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންނެވެ. ފިނި މޫސުމާއި ދިމާކޮށް މެލޭޝިއާ އެއަރލައިން، ގަތަރު އެއާވޭސް، ކޮންޑޯ އަދި ވާޖިން އެޓްލާންޓިކް އިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.