2004 ވަނަ އަހަރުގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކެޕްޓަން ޖޯޖް ކޮސްޓާ ހާޓް އެޓޭކެއް ޖެހި އިއްޔެ މަރުވެއްޖެ އެވެ.
އުމުރުން 53 އަހަރުގައި ކޮސްޓާ މަރުވެފައިވަނީ ޕޯޓޯގެ ޓްރެއިނިންގ ސެންޓަރުގަ އެވެ. ހާޓް އެޓޭކެއް ޖެހުމާއިއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ސަލާމަތް ކުރެވޭ ގޮތްވަނީ ނުވެފަ އެވެ.
ހޯސޭ މޮރީނިއޯ އާއިއެކު 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ޕޯޓޯ އިން ކާމިޔާބު ކުރިއިރު ކޮސްޓާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
2006 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ. އަދި ޕޯޓޯގެ ޑިރެކްޓަރ އޮފް ޕްރޮފެޝަނަލް ފުޓްބޯލްގެ މަގާމުގައި އޭނާ މަސައްކަތް ކުރާތާ މިއީ ދެވަނަ އަހަރެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ޖުމްލަ 530 މެޗު ކޮސްޓާ ކުޅެފައިވާއިރު އޭގެ ތެރެއިން 383 މެޗު އޭނާ ކުޅެފައިވަނީ ޕޯޓޯ އަށެވެ. އަދި ޕޯޗުގަލްގެ ގައުމީ ޓީމަށް ކޮސްޓާ ވަނީ 50 މެޗު ކުޅެފަ އެވެ. ކޮސްޓާ ވަނީ 2001-02 ވަނަ އަހަރުގެ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ ކްލަބް ޗާލްޓަން އަށްވެސް ކުޅެފަ އެވެ.
ކޮސްޓާގެ ކުއްލި މަރާއިއެކު ފުޓްބޯޅައިގެ ދުނިޔޭގެ އެކި ފަރާތްތަކުން ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންދާއިރު ހޯސޭ މޮރީނިއޯގެ އަސަރުގަދަ މެސެޖުގައި ބުނެފައިވަނީ ކޮސްޓާ ބޭނުންވާނީ ކޮންމެ ހާލެއްގައިވެސް ކުރަން ބޭނުންވާ ކަމެއް ކޮށް ނިންމުމަށް ކަމަށެވެ.
"އޭނާ (ކޮސްޓާ) މިހާރުވެސް ބުނާނީ ތިމަންނަ އާއިމެދު ނިސްވާ މިއަދުގެ ޕްރެސް ކޮންފަރެންސް ނިންމާފައި މާދަމާގެ މެޗުން މޮޅުވާށޭ. އޭހެންކަމުން މިއަދު މިކަން ކޮށްފަ މާދަމާގެ މެޗަށްފަހު އަހަރެން ރޯނަން) ޗެމްޕިއަންސް ލީގުގެ ތިންވަނަ ބުރުގައި ފެނޫޑް އާއި ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
ކޮސްޓާގެ ކުއްލި މަރަކީ ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވި ޕޯޓޯގެ ތިންވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ ޖުލައި މަހު ވަނީ ކުރިން ޕޯޓޯ އަށް ކުޅުނު އަދި ފަހުން ލިވަޕޫލް އަށް ކުޅެމުންދިޔަ ޑިއެގޯ ޖޮޓާ އާއި އޭނާގެ ބޭބެ އެންދްރޭ ސިލްވާ ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.