ތަޢުލީމު

ފުވައްމުލައް ތަޢުލީމީ ހަބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް


ފުވައްމުލަކަކީ ތަޢުލީމަށް އިސްކަންދޭ، ތަޢުލީމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ތަޢުލީމީ ގޮތުން ފުންނާބުއުސް އެތައް ދަރިންތަކެއް އެރަށު ފަސްގަނޑުން އުފަންވެފައިވުމަކީ މީގެ ހެއްކެކެވެ.

އެރަށުގެ ތަޢުލީމީ ޙާލަތަށް ބަލާއިރު މަތީ ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު މިހާރުވެސް އެރަށުން ލިބެއެވެ. މިގޮތުން މިހާރުވެސް އެރަށުގައި މާސްޓާރސްއާ ހަމައަށް ކިޔަވައިދެމުން ގެންދެއެވެ. ފުވައްމުލަކަކީ ތަޢުލީމީ ގޮތުން ރާއްޖޭގެ ހަބަކަށް ހެއްދެވުމަށް އެއަތޮޅު ކައުސިލުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި އަމާޒަށް ވާޞިލްވެވަޑައިގަތުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހައްދަވައި، މިކަން ޙާޞިލްކުރެއްވުމަށް ހުރި ހުރަސްތައް މިހާރު ބައްލަވަމުން ގެންދަވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

އެއަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވީ، އެކައުންސިލްގެ މި އަމާޒަށް ވާޞިލްވެވަޑައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ. މިގޮތުން ޤައުމީ ޔުނިވަރސިޓީއާއި، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މިހާރު އެރަށުގައި ހުރި އަމިއްލަ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރެއްވުމަށް އެތަންތަނާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ. މީގެއިތުރުން އެރަށުގައި ހުރި ސަރުކާރުގެ ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން އެރަށަށް ތަޢުލީމް ޙާޞިލްކުރުމަށް އަންނާނެފަދަ ކާމިޔާބު ތަޢުލީމެއް ލިބޭ ރަށަކަށް އެރަށް ހެއްދެވުމަކީ އެކައުންސިލްގެ އަމާޒެއްކަން އަޙުމަދު ފާހަގަކުރެއްވިއެވެ.

ފުވައްމުލަކަކީ ތަޢުލީމީ ގޮތުން ރާއްޖޭގެ ހަބަކަށް ހެއްދެވުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހު އެރަށުގައި ޚާއްޞަ މަހާސިންތާއެއް ބޭއްވެވުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމަވާފައެވެ. އަތޮޅު ކައުންސިލާއި އެރަށުގެ ސްކޫލްތަކާއި ޓީޗަރސް ރިސޯސަސް ސެންޓަރާ ގުޅިވަޑައިގެން ބާއްވަވާ މި މަހާސިއްތާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީޗަރުންގެ އިތުރުން ރާއްޖެއިން ބޭރުން ޓީޗަރުންވެސް ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

 ފުވައްމުލަކަކީ ތަޢުލީމީ ގޮތުން ރާއްޖޭގެ ހަބަކަށް ހެދުމަށްޓަކައި މިހާރު ހުރިގޮންޖެހުންތަކާއި، އަދި އެ ގޮންޖެހުންތަކުން އަރައިގަންނަން ކުރަންޖެހޭ ކަންތައް މިމަހާސިންތާއިން އެނގިގެންދާނެކަމަށް ފުވައްމަލަކު އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.