ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވަނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 4 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވާނެ ކަމަށެވެ. މޫސުން ގޯސްވެ ވައިގަދަވީ ނަމަވެސް، އެހާ ބޮޑަށް ވާރޭ ވެހޭނެކަމަށް ލަފާނުކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
އެއިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖެރޭގެ އަތޮޅުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ހޯމަ ދުވަހުން ފެށިގެން އެވްރެޖުކޮށް 15 މޭލާއި 25 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އމޫސުމާބެހޭ އިދާރާއިން ވިދާޅުވިއެވެ. މިގޮތަށް ހުކުރު ދުވާހާއި ހަމައަށް ވައި ދަމަހައްޓާނެކަމަށް އެއިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
ވައިގަދަވެ، އާންމުކޮށް ކަނޑުވެސް ގަދަވާނެތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މި ދެދުވަހުގެ ތެރޭގައި ކަނޑު މަތީގެ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ބޯޓު ފަރަށް އެރުން ފަދަ ހާދިސާތައް ވަނީ ރިޕޯޓުކޮށްފައެވެ.