ޚަބަރު

ފުރަތަމަ ހަމަސް: މަސް އެކްސްޕޯޓް ކުރި މިންވަރު %67 އިތުރު


  • އެކްސްޕޯޓުކޮށްފައިވާ މަހުގެ އަގު 74.5 މިލިޔަން ޑޮލަރަށް އަރާ

  • ޖޫން މަހުގެ ނިޔަލަށް 44،877 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރި

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެތެރޭ ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު %67 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާޢަތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. މަހުގެ އެކްސްޕޯޓަށް ބަލާއިރު 6 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މަހުގެ ބާވަތްތަކުގެ އަގު 74 މިލިޔަން ޑޮލަރަށް އަރައެވެ. މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނީ 52 މިލިޔަން ޑޮލަރުގެ މަހުގެ ބާވަތްތަކެވެ. މިއީ 43 އިންސައްތައިގެ ކުރިއެރުމެކެވެ.

އެކްސްޕޯޓްކޮށްފައިވާ މަހުގެ އަގު

  • ޖަނަވަރީ - 8.6 މިލިޔަން ޑޮލަރު
  • ފެބްރުއަރީ - 13.3 މިލިޔަން ޑޮލަރު
  • މާރިޗު - 12.4 މިލިޔަން ޑޮލަރު
  • އެޕްރީލް - 18.2 މިލިޔަން ޑޮލަރު
  • މެއި - 11.2 މިލިޔަން ޑޮލަރު
  • ޖޫން - 10.8 މިލިޔަން ޑޮލަރު

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު މިމުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ 26,850.8 މެޓްރިކް ޓަނެވެ. މިއީ 67 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރު މިހާތަނަށް އެކްސްޕޯޓުކުރި މަހުގެ މިންވަރު

  • ޖަނަވަރީ - 5،710 މެޓްރިކް ޓަނު
  • ފެބްރުއަރީ - 8،511 މެޓްރިކް ޓަނު
  • މާރިޗު - 7،376 މެޓްރިކް ޓަނު
  • އެޕްރީލް - 9،700 މެޓްރިކް ޓަނު
  • މެއި - 7،500 މެޓްރިކް ޓަނު
  • ޖޫން - 6,026 މެޓްރިކް ޓަނު

މިދިޔަ އަހަރާއި އަޅާބަލާއިރު، މަސް އެކްސްޕޯޓް ކުރި މިންވަރު އިތުވެފައި މިވަނީ، ރާއްޖޭގެ މަސްވެރިކަން މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލައިއިރު ރަނގަޅު ވުމުންނެވެ.

ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.