މާލޭ އުތުރުފަރާތު ބަނދަރަށް އިތުރު ކުރެވުނު ބައިގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށި ނަމަވެސް އެ ސަރަހައްދަށް ކައިރި ކުރާ މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
މާލޭ އުތުރު ބަނދަރުންފެށިގެން މަސްމާރުކެޓާ ހަމައަށް އުތުރު ބަނދަރު ބޮޑުކޮށް އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގެ ކުރީކޮޅުއެވެ.
އެމްޕީއެލްއިން ވިދާޅުވީ މާލޭ އުތުރުފަރާތު ބަނދަރަށް އިތުރު ކުރެވުނު ބައިގައި މަސް ދޯނި ފަހަރަށް ޚާއްސަކޮށް E ޒޯން އަދި F ޒޯން (މިހާރުވެސް މަސް ދޯނި ފަހަރު ބޭނުންކުރާ ސަރަހައްދު) ކަނޑައަޅާފައިވާކަމަށެވެ. މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީ އެއް ނަގާ ގޮތަށް ހަމަޖައްސާފަނުވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އެހެންނަމަވެސް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ އެ ސަރަހައްދުގެ "އޭ" ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ނަގަނެކަމަށާއި "ބީ" ޒޯނުން އަދި "ސީ" ޒޯނުންވެސް އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެކަމަށެވެ.
މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންނެވެ. މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ވިދާޅުވީ މަސްވެރިކަން ކުރާސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލުގެންނާނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މިގޮތުން 25 އުޅަނދު ވެއިޓިންގައި ބާއްވާފައި، މުދަލާއި ފަސިންޖަރުން އުފުލާ 54 އުޅަނދަށް ޖާގަ ދެވޭނެކަމަށް އެމްޕީއެލްއިން ވަނީ ވިދަޅުވެފައެވެ. އަދި މަސްވެރިކަން ކުރާ އުޅަނދަށް 20 ޖާގަ އޮންނާނެކަމަށާއި މަސްބާނައިގެން އައިސް މަސް ބާލާފައި ނިކުމެވޭ ގޮތަށް ހުރަސް ތޮށި ހުޅުވާލާފައި އޮންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
🔈 ނޯތު ހާބަރު ސަރަހައްދު މަސް މާރުކޭޓާ ހަމައަށް ބޮޑުކުރަނީ! 🔈
— Maldives Ports Limited (@Portmv) August 1, 2025
އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރު ސަރަހައްދު މިހާރު ވަނީ ބަނދަރާއި އިންވެގެން އޮތް ސަރަޙައްދުން ފެށިގެން، ލޯކަލް މަސްމާރުކެޓާ ހަމައަށް ބޮޑުކޮށްފައި.
🗓️ 2025 އޯގަސްޓް 1 އިން ފެށިގެން:
ޚިދުމަތް ލިބޭނީ ހަމައެކަނި… pic.twitter.com/6ChZQCvu1N
މާލޭ އުތުރުފަރާތު ބަނދަރުން މަހެއްގެ މައްޗަށް 130 އެއްހައި ބޯޓު ޚިދުމަތް ހޯދައެވެ. ޖުމްލަކޮށް މީގެ ކުރިން ޚިދުމަތް ހޯދުމަށް އަންނަ ބޯޓުތަކުން މާލޭ އުތުރުފަރާތު ބަނދަރުން ކީވޯލުން ޖާގަ ހޯދަން 5 ވަރަކަށް ދުވަސް ނަގާކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. ނަމަވެސް މި ބަދަލާއެކު، އިންތިޒާމުތައް ރޭވިފައި ހުރި ގޮތުން ބަނދަރުން 1 ދުވަސް ނުނީ 2 ދުވަސް ތެރޭ ޖާގަ ލިބޭނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.
މީގެ އިތުރުން ޒޯންތަކަކަށް ބަހާލައިގެން ބަނދަރުން ޚިދުމަތް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި 14 އަހަރު ވެފައިވާ މާލެ އުތުރުފަރާތު ބަނދަރުގެ މަރާމާތު މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.
މާލޭ އުތުރުފަރާތު ބަނދަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދުފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. އެމްޕީއެލުން މަސައްކަތް ކުރަމުންދަނީ މާލޭ އުތުރުފަރާތު ބަނދަރުން ފަަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް އިންތިޒާމުކުރުމަށެވެ. އެގޮތުން ފެނާއި ތެޔޮ ލިބޭނެގޮތާއި އިތުރު ސްޓޯރޭޖް ފެސިލިޓީތައް އެތަނުގައި ހެދުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އިތުރުވި ބައިގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެމެރާ ހަރުކޮށް ޗެކްޕޯސްޓުތައް ބަހައްޓާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.