ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމާށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެގޮތުން ހިތަދޫއަށް 34.8 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ އަތޮޅަށް މެންދުރު 12:15 އިން ފެށިގެން އިރުއޮއްސި 06:00 އަށްށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ވައި ގަދަވެފައި ވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 39 މޭލަށް ވައިގަދަވެފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.