ޚަބަރު

މާވަށުގައި މަރާލި ޒުވާނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަނީ


  • މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފައި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ތަހުޤީގީ ޓީމުން ނިންމައިފިއެވެ.

މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

މި މައްސަލައިގައި މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ ނިޔާވި މޫސާ އިބްރާހީމްއަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި މޫދަށް ފީނައިގެން ހޯދަފައެވެ.