ޚަބަރު

ސިވިލް ސަރވިސްގެ މުސާރަތައް ބޮޑުކުރުމުގެ މަޝްވަރާތައް ނިމި ކުރިއަށްދަނީ ފަންނީ މަސައްކަތްތައް


  • ވުޒާރާތަކާއި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ވަނީ ނިމިފައި

  • މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަވެސް ބޮޑު ކޮށްފައި

ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މިހާރު ކުރަމުންދަނީ އެކަމުގައި ހިމެނޭ ފަންނީ މަސައްކަތްތައްކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕޭހަމަނައިޒޭޝަން ނުވަތަ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު މިހާރު ކުރިއަށްދާ ކަމަށެވެ. އެ ގޮތުން މުސާރަ ބޮޑު ކުރުމަށްޓަކައި ވުޒާރާތަކާއި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތަކާއި މަޝްވަރާތައް މިހާރު ނިމިފައިވާކަމަށް ޑރ. ފައިޒަލް ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދަނީ އެކަމުގައި ކުރަންޖެހޭ ފަންނީ މަސައްކަތްތައްކަމަށްވެސް ޑރ. ފައިޒަލް ވިދާޅުވިއެވެ.

ސިވިލް ސަރވަންޓުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނައުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. އެ ގޮތުން މި ވެރިކަން ބަދަލުވި ފަހުން ފުލުހުންނާއި ސިފައިންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތެއްގެ ބަދަލުގައި މުސާރަ ދިނުމަށް ނިންމަވާފައިވާކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިއަހަރުގެ ބަޖެޓު ސަރުކާރުން ހުށައެޅިއިރު، ޕޭ ހަމަނައިޒޭޝަންއަށް ނުވަތަ އެކި ދާއިރާތަކުން މުސާރަ އެއް ހަމަކުރުމަށް 500 މިލިޔަން ރުފިޔާ ހިމެނުއްވިއެވެ. މި ގޮތުން މުސާރަ ބޮޑުކުރެވޭ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނޭނެއެވެ.