ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ޤާއިމްކޮށް ޚިދުމަތް ފަށަން ތައްޔާރުވަނީ


  • އައިޖީއެމްއެޗްގައި ވަނީ އައިނު ހެއްދުމުގެ ފުރުޞަތު ހުޅުވާލާފައި

  • 5 ރީޖަނަލް ހޮސްޕިޓަގައިވެސް އައިނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި

މިފެށޭ އޯގަސްޓްމަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރަ ޤާއިމްކޮށް ޚިދުމަތް ދޭން ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޤާއިމްކުރި އައިނު ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިފެށޭ އޮގަސްޓުމަހުގެ ތެރޭގައި ހުޅުމާލޭގައި އުޅޭ ރައްޔިތުނަށް ފަސޭހައިން އައިނު ހެއްދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މި ޚިދުމަތް ޤާއިމްކޮށް ހިދުމަތް ދޭން ފަށާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލްގައިވެސް އައިނުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

"މިކަން ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ބައެއްގެ އެހީއެއް ލިބުނު. ދުޢާއަކީ އަޅުގަނޑުމެން މި ފޯރުކޮށްދޭ ޚިދުމަތް ރައްޔުތުންނަށް ފަސޭހައިން ލިބޭނެ ގޮތް މަގުފަހިވެ މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން އާސަންދައިގެ ދަށުން އައިނު ހެއްދުމުގެ މަގު ފަހިވެ ވީހާވެސް އަވަހަކަށް އެކަން ވުން،." ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޤާއިމްކުރި އައިނު ފިހާރަ ހުޅުވާ އެޕޮއިންޓްމަންޓަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު އައިނު ހެއްދުމަށް އަންނަނީ އެދެމުންނެވެ. އައިޖީއެމްއެޗްގައި އައިނު ފިހާރައެއް މިހުޅުވީ އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެެއް ހޯއްދަވާދެއްވުމުގެ ގޮތުންނެވެ. އައިނު ފިހާރަ ހުޅުވާފައިވަނީ ނަންބަރު ހެއްދުމާއި ލެންސް ހެއްދުމުގެ ހިދުމަތުގެ އިތުރުންވެސް ގިނަ ހިދުމަތްތަކެއް ލިބޭގޮތަށެވެ. އެގޮތުން އެތަނުގައި ބަހައްޓާފައިވާ މެޝިންތަކުގެ އެހީގައި ކެޓްރިކް، އަދި ލޮލުގެ ޕްރެޝަރ ބެލުންފަދަ ޚިދުމަތްތައް ލިބޭގޮތަށެވެ.

ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައިނުވެއެވެ. އެހެންނަމަވެސް ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް އިންޝުއަރެންސެއް ދަނީ ދެއްވަމުންނެވެ. އެގޮތުން ފުރަތަމަ ދެއްވަމުން ގެންދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އެހެންނަމަވެސް މިހާރު 2000 ރުފިޔާގެ އިންޝުއަރެންސެއް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.