ޚަބަރު

ޣައްޒާއާ މެދު ދެން އަމަލު ކުރާނެ ގޮތް ނިންމާނީ ޔަހޫދީން: ޓްރަމްޕް


ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމުގެ ބާރު އޮތީ ޔަހޫދީންގެ އަތްމަތީގައި ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ކުރަމުން ދިޔަ މަޝްވަރާތައް ޔަހޫދީން ފޭލު ކޮށްލުމާ ގުޅިގެންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ކުރަމުން ދިޔަ މަޝްވަރާތަކުން އިސްވެ ފެޔަށް ޖެހިފައި ވަނީ ޔަހޫދީންނެވެ.

ފުރަބަންދު ހަރުކަށިކޮށް ޣައްޒާގައި 2.3 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖައްސާފައިވާއިރު، އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖެހިގެން ޝަހީދުވަމުންދާއިރު، ޓްރަމްޕް ވިދާޅުވީ މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމަކީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ކަމުގައެވެ. ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަސީރުން މިނިވަން ކުރުމަށް ޙަމާސުން އިންކާރު ކުރަމުންދާ ކަމުގައި ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. އަދި، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"އެ މީހުން [ޙަމާސުން] އެ މީހުން [އަސީރުން] ޙަވާލު ކުރަން ބޭނުމެއް ނުވޭ، އެހެންވީމަ މި ކަމާ މެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ އިސްރާއީލުން،" ވިލާތުގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ފޮން ޑެ ލަޔަންއާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޣައްޒާއަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީގެ ސާމާނު ޙަމާސުން ލޫޓުވައި، ވަގަށް ގެންދަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، އެ ކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ.

އެމެރިކާއިން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީގެ ސާމާނު ޙަމާސުން ވަގަށް ގެންދާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމުގައި އެމެރިކާ ސަރުކާރުން ހަދާފައިވާ ތަޙުޤީޤުތަކަށް ވެސް ވަނީ ހާމަވެފައެވެ. ޣައްޒާގައި މި ވަގުތު އެހީ ބެހުމުގެ ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމެރިކާގެ ޖަމުޢިއްޔާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ންނެވެ. އެއީ، އެހީ ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމުގެ ހީލަތްތެރި ނިޔަތުގައި އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.

އޮބާމާއާއި ޑިމޮކްރެޓުންގެ ނުރުހުން ޖީއެޗްއެފާއި ޔަހޫދީންނަށް

ޖީއެޗްއެފާ ގުޅިގެން ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މި ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގެ 20 މެންބަރުން ވަނީ ޓްރަމްޕަށް ސިޓީއެއް ފޮނުވާފައެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ފޮނުވި ސިޓީގައި، ޖީއެޗްއެފްގެ މަސަައްކަތްތައް ހުއްޓައިލުމަށް ފަހު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް އެެކުވެރި ދައުލަތްތައް (އދ)އާ ޙަވާލު ކުރުމަށް ގޮވައިލާފައިވެއެވެ.

އދން ބުނީ، އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޙަމަލާދީ ޔަހޫދީން އޭގެ ތެރެއިން 1,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ، ހައިހޫނުގައި ޖެހި، ބަނޑަށް ޖެހިގެން ޣައްޒާއިން މަރުވެފައިވާ މީހުންގެ އަދަދު 133އަށް އުފުލިފައިވާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި 87 ކުޑަކުދިން ހިމެނޭ ކަމުގައެވެ.

ޖީއެޗްއެފާ ގުޅިގެން ޔަހޫދީންނާއި އެމެރިކާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އެންމެ ފަހުން ކުށްވެރި ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ހިމެނިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ފޯރުކޮށްދޭން ޖެހޭނެ ކަމުގައެވެ. "[ޣައްޒާގެ] ޢާންމު ރައްޔިތުންގެ ޢާއިލާތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްނުދިނުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ،" އޮބާމާ ވިދާޅުވިއެވެ. އަދި، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުން ހުއްޓުމަކަށް ގެނައުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީގެ އިތުރު ސާމާނު ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމުގައެވެ. އަދި، މި ކަމުގައި އެހެން ޤައުމުތަކުގެ އެއްބާރުލުން ނުލިބޭ ކަމުގައި ވިދާޅުވެ، އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ ވިލާތުގެ ޤައުމުތަކަށް ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. "އަޅުގަނޑުމެން މި ދަނީ ވަރަށް ގިނަ ފައިސާ، ވަރަށް ގިނަ ކާބޯތަކެތި، ހުރިހާ ވައްތަރެއްގެ ތަކެތި ފޯރުކޮށްދެމުން. އަޅުގަނޑުމެން އެ ކަން ނުކުރާ ނަމަ، އެ މީހުން [ޣައްޒާގެ ރައްޔިތުން] ބަނޑަށްޖެހި މަރުވާނެ ކަމަށް ޤަބޫލު ކުރަން. އެ މީހުން ބަނޑަށް މަރުވީސް، އެ މީހުންނަށް ރަނގަޅަށް ކާން ލިބޭހެން ހިޔެއް ނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ.