ޚަބަރު

ނޢޢވ. ޞާބިރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް


  • އަވަހާރަވިއިރު، ޞާބިރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގައި

  • ޙަސަން ޞާބިރު، އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއަށް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ތަޢުޒިޔާގެ ޕޯސްޓުގައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރުކަމުގެ މަޤާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އަޅުގަނޑު އެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލްމަރްޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި ޞާބިރު، ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ވިދާޅުވީ، ޞާބިރަކީ ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް ކަމަށެވެ. އަދި މާތްﷲ މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދެންނެވިއެވެ.

ޙަސަން ޞާބިރަށް ދިވެހި ދައުލަތުން އަރުވާ އެންމެ މަތިވެރި ޢިއްޒަތްކަމުގައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވީ އިއްޔެ ބޭއްވި މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ފަރުވާ ހޯއްދަވަމުން ގެންދަވާތީ އެމަނިކުފާނަށް އިއްޔެގެ ރަސްމިއްޔާތަށްވެސް ވަޑައިނުގެންނެވުނެވެ.

ޙަސަން ޞާބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ޙަސަން ޞާބިރު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެންވެސް އެ ދާއިރާތަކުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 1500 ޓަނުގެ މަސްފިނުކުރެވޭ ކާރުޚާނާއެއްގެ ބިންގާ ކޫއްޑޫގައި އަޅުއްވައިދެއްވުމާއި ރާއްޖޭގައި އެއް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދަނޑުވެރިކަމަށްތަކައި ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެއްޓެވީވެސް އެމަނިކުފާނުގެ ވަޒީރުކަމުގައެވެ.