ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުކާސަލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 6 ވަނަ މިނިޓުގައި ނިއު ކާސަލްގެ އެންތޮނީ އެލަންގާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 33 ވަނަ މިނިޓުގައި އާސެނަލް ކައި ހަވަޓްޒް ދިން ޕާހަކުން މިކޭލް މެރީނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ނިއު ކާސަލްގެ އެލެކްސް މާފީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އާސެނަލް އަށް ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ލިބިފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ޖޭކޮބް މާފީ ވަނީ ނިއު ކާސަލް އަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އާސެނަލް މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ.
މި މެޗުގައި ދެ ޓީމުގެ ކޯޗުންވެސް ވަނީ ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ ކުޅުންތެރިން ޓެސްޓްކޮށްފަ އެވެ.
މީގެ އިތުރުން އިއްޔެ ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ވަނީ ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޖެހި ދެ ލަނޑުވެސް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ކާމިޔާބު ކުރިއިރު ވެސްޓް ހޭމް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖެރޮޑް ބޮވެން އެވެ.