ޚަބަރު

މިނިވަން އުފާ ފުޅަނދުބުރަަށް ބޮޑު ތަރުޙީބެއް


  • ތަފާތު ފަރުމާތަކުގެ ފުޅަނދު ދައްކާލި

  • އާއްމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި

މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ފުޅަނދު ބުރުގައި 11 މުއައްސަސާއަކުން ފުޅަނދު ބައިވެރިކުރިއެވެ.

ސަރުކާރުގެ ކުންފުނިތަކާއި އެކި އިދާރާތަކުންވެސް ފުޅަނދު ބައިވެރިކށްފައިވާއިރު، އެތަންތަނުންދޭ ޚިދުމަތްތަކާއި ޒަމާނަށް އަންނަމުންދަ ބަދަލުތަކާއި ހޯދާކުރިއެރުންތަކާއި، މުސްތަޤުބަލުގެ ތަޞައްވުރުތައް ދައްކުވައިދިން ފުޅަނދުތަކަށް ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ.

އެގޮތުން ފުޅަނދު ބުރު ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާ އާއްމު ރައްޔިތުން މާލޭގެ މަގުތަކަށް ނިކުމެފަވެއެވެ. ފުޅަނދުބުރު ހަރަކާތަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

މިނިވަން 60ގެ މުނާސަބާގައި ބޭއްވި ފުޅަނދުބުރު ފެށީ މާލޭގެ ސޯޝަލް ސެންޓަރު ސަރަޙައްދުންނެވެ. މަޖީދީމަގުން އިރަށް ދަތުރުކޮށް، ބޮޑުތަކުރުފާނު މަގު އަރޓިފިޝަލް ބީޗު ސަރަޙައްދުން ގޮސް، ފުޅަނދުބުރު ނިންމާލާފަވަނީ ހެންވޭރުގައި ބްރިޖް ހިމެނޭ ސަރަޙައްދަށެވެ.

މި ހަރަކާތުގައި 11 ކުންފުންޏަކުން ތަފާތު އެކި ފަރުމާތަކަށް ތައްޔާރުކޮށްފަވާ ފުޅަނދުތައް ވަނީ ދައްކާލާފައެވެ. އެގޮތުން މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. އަދި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ފުޅަނދުތަކެއް މިއަހަރުގެ ފުޅަނދުބުރުންވެސް ފެނިގެންދާނެއެވެ.

ފުޅަނދު ބުރަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ހަރަކާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޓީއޯ، އެމްޓީސީސީ، އެމްޕީއެލް، ސްޓެލްކޯ، އާރްޑީސީ، ފެނަކަ، ކަސްޓަމްސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ފުޅަނދުބައިވެރި ކުރިއެވެ.