ނޮޓިންހަމް ފޮރެސްޓްގެ މިޑްފީލްޑަރ މޯގަން ގިބްސް ވައިޓް އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ގިބްސް ވައިޓް ވަނީ ނޮޓިންހަމް ފޮރެސްޓް އާއިއެކު އިތުރު ތިން އަހަރުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފަ އެވެ. ގިބްސް ވައިޓް އައު ކޮންޓްރެކްޓެއްގައި ސޮއި ކުރިއިރު އޭނާގެ މުސާރައަށް އައި ބަދަލާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ފޮރެސްޓްއިން އެ ޓީމުގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ބުނެފައިވާ ގޮތުގައި މިއީ ކްލަބްގެ ރެކޯޑް އެއްބަސްވުމެކެވެ.
ގިބްސް ވައިޓް އާއިއެކު ނޮޓިންހަމް އިން އައު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާއިރު މިހާރު ކުރިއަށްދާ ޓްރާންސްފަރ ވިންޑޯގައި އޭނާ ހޯދުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގައިވާ 60 މިލިއަން ޕައުންޑުގެ ރިލީޒް މާއްދާގެ މައުލޫމާތު ޓޮޓްނަމް އަށް އެނގުނު ގޮތާއިމެދު ސުވާލު އުފައްދާ އެ މައްސަލަ އިތުރަށް ބެލުމަށް މަސައްކަތް ކުރާނެ ވާހަކަވެސް ފޮރެސްޓްއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ވޮލްވްސް އިން 2022 ވަނަ އަހަރު 42.5 މިލިއަން ޕައުންޑުގެ ފީއަކަށް ނޮޓިންހަމް ފޮރެސްޓް އާއި ގުޅުނު ގިބްސް ވައިޓް އައު ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު އޭނާގެ ކުރީގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތެވެ.
ފޮރެސްޓަށް މިހާތަނަށް ކުޅެދިން 118 މެޗުގައި ގިބްސް ވައިޓް ވަނީ 18 ލަނޑު ޖަހާ އިތުރު 28 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ހަތްވަނަ ހޯދާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަށް ފޮރެސްޓް ކޮލިފައި ކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އައު ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު ގިބްސް ވައިޓް ބުނެފައިވަނީ އޭނާ އެ ކްލަބާއިއެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއި ކުރީ ކްލަބުގެ ވެރިޔާގެ އިތުރުން ކުޅުންތެރިންނާއި މުޅި ޓީމުގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށްޓަކައި ކަމަށާއި އަދި މި ކްލަބާއިއެކު ރަގަޅު ކާމިޔާބީތަކެއް ހޯދޭނެކަމުގެ އުންމީދު އޮތުމުން ކަމަށެވެ.