ޚަބަރު

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި


  • ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގައި

  • އިންޑިޔާގެ ބޮޑުވަޒީރުވެސްވަނީ މިހަރަކާތްތައް ބައްލަވާލައްވާފައި

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ. މިހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ވަޑައިގެންނެވިއެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސްވަނީ މިހަރަކާތްތައް ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

މި ހަރަކާތްތައް ފެށުނީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވޭ ރިޔާސީ ކުރުނީހުންނެވެ. އަދި އޭގެފަހުން ޤައުމީ ސަލާމަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ކެޑޭޓްކޯގެ ޕެރޭޑު ހަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން މާލެ ސަރަހައްދުގެ 4 ސްކޫލެއްގެ ދަރިވަރުންގެ ތަފާތު ހުށައެޅުންތައްވެސްވަނީ ފެނިގެންގޮސްފައެވެ. އަދި ކެލާ ޔޫތު ފޯރަމާއި، މުލީ އެކުވެރިންގެ ދިރުމާއި ހޭވައްލާ ބޮޑުބެރު ގުރޫޕް ހިމެނޭހެންވަނީ ސަގާފީ ހަރަކާތެއްވެސް ހުށަހަޅާފައެވެ.

ޖުމްހޫރީ މައިދާނުގެ އިތުރުން މާލޭގެ ބޮޑެތި މަގުތަކުގައިވެސް ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑު ކުރިއަށްދިޔައެވެ. އެގޮތުން މަގުމަތީގެ ހިނގާލުމުގެ ނަމުގައި މިހަރަކާތްތައް ފެށީ ހަވީރު 16:15 ގައެވެ. މިހިނގާލުމުގެ ތެރެއިން 4 ސަރަހައްދެއްގައި މަޑުކޮށް ރާގުތައް ކުޅެފައިވެއެވެ.

މި ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ ޢާންމުން ގޮސްފައިވެއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން މިނިވަންކަމުގެ ޖޯޝާއި ފޯރި ހިތުގައި އުފެދޭ ކަމަށާއި މިނިވަންކަން ކުލަގަދަކޮށް ފާހަގަކުރާތީ އެކަމުގެ އުފާވެރިކަމުގެ ޝުޢޫރުތައް ޢާންމުންނާއި ކުޑަކުދިންވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިފަހަރު މި ފާހަގަކުރަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހެވެ.