ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ބަދަހި ގުޅުމެއް ކަމަށާއި، އެއްވެސް ބަޔަކަށް އެ ގުޅުމަށް ހީނަރުކަން ނުގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ވީނަމަވެސް، އޭގެ މާކުރީއްސުރެ ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުންތައް ޤާއިމްވެފައިވާކަމަށެވެ. އަދި އެކަމަށް ތާރީހުން ހެކިދޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ، އެގޮތުން މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވިޔަފާރިއާއި، ސަޤާފީ އެހެނިހެން ކަންކަމުގެ ތެރެއިން ބަދަހި ގުޅުމެއް އުފެދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެ ޤައުމު ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަން ގެނެވޭނެ އެއްވެސް ބަޔަކު ނެތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ބައިވެރިއެއްކަމަށާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދައިރާއާއި، ސިއްޙީ ދާއިރާއާއި ވިޔަފާރި އަދި ތަޢުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން އެ ގުޅުން ބަދަހިވަމުން އަންނަކަމަށެވެ. އަދި ދިވެހި ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނި، އެންމެން ޝާމިލްވާ އަދި ޒުވާނުން ބަރުވެރިކުރާ އިޤްތިޞާދެއް ބިނާކުރުންކަމަށްވާއިރު، އެކަމުގައި އިންޑިއާއަކީ މުހިއްމު ދައުރެއް އަދާކުރެވޭނެ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާގައި ދެވަނައަށް އެންމެ ގިނަ ދުވަސްވީ ބޮޑުވަޒީރުކަމުގެ މަޤާމު އަދާކުރައްވާ ބޭފުޅަކީ މޯދީކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ އެމަނިކުފާނުގެ ޤައުމީ ހިދުމަތުގެ އިހްލާސްތެރިކަން ސާބިތުކޮށްދޭ ހެއްކެއްކަމަށެވެ.