ޚަބަރު

މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާންގެ ޖަނާޒާ ބާއްވައިފި


  • ޢަބްދުއްރަޙްމާން ނިޔާވީ މިމަހުގެ 13 ވަނަ ދުވަހު

  • ޕޯސްޓުމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިމަހުގެ 21 ވަނަ ދުވަހު

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު، މިއަދު މެންދުރު ނަމާދަށްފަހު ޖަނާޒާ ބާއްވައިފިއެވެ.

ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންތަޕުރަމަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އއ. މާޅޮސް އޯކިޑްމާގެ ޢަބްދުއްރަޙްމާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުން އާސަހަރާ މިސްކިތުގައެވެ.

ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު އަނބުރާ މާލެގެނެސް މޯޗަރީއަށް ލާފައިވަނީ ރޭ 19:50 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވިއެވެ.

ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ.