ޚަބަރު

ބޭރުގެ ތަޖުރިބާކާރަކާއެކު ހެއްކާބެހޭ ޤާނޫނުގެ ޚާއްސަ ސެމިނަރއެއް


  • މިއީ ޕީޖީ އޮފީހާއި އެމްއެންޔޫ ގުޅިގެން ކުރިއަށްގެންދާ ސެމިނަރއެއް

  • މި ސެމިނަރ ނަންގަވައިދެއްވަނީ މެލްބަން ޔުނިވަރސިޓީގެ ޕްރޮފެސަރ ޖެރަމީ ގޭންސް

މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާބެހޭ އުސޫލުތައް ބަޔާންކުރާ ހެއްކާބެހޭ ޤާނޫނާ ގުޅޭ ޚާއްސަ ސެމިނަރއެއް ފަށައިފިއެވެ.

"ނެވިގޭޓިންގ ދަ އެވިޑެންސް އެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ސެމިނަރގައި ހެއްކާބެހޭ ޤާނޫނާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑެމީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫއިން ގުޅިގެން ކުރިއަށްގެންދާ މި ސެމިނަރ ނަންގަވައިދެއްވަނީ މި ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރެއްކަމަށްވާ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންގެ ޕްރޮފެސަރ ޖެރަމީ ގޭންސްއެވެ.

ޖެރަމީ ގޭންސްއަކީ ޖިނާއީ ޢަދުލާއި ހެއްކާބެހޭ ޤާނޫނު ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ ޕްރޮފެސަރއެކެވެ. މެލްބަން ޔުނިވަރސިޓީގެ ޖޭޑީ ޕްރޮގްރާމުގެ ދަށުން އޭނާ ދަނީ ސަބްޖެކްޓިވް ހެކިބަހާއި ސާބިތުކުރުމުގެ މައްޗަށް ކިޔަވައިދެއްވަމުންނެވެ. އަދި ނުފޫޒުގަދަ އެތައް ފޮތެއް ލިޔުއްވައި އަދި އެހެން ފަރާތްތަކާއެކުވެސް ގިނަ ފޮތްތަކެއް އޭނާ ވަނީ ލިޔުއްވާފައެވެ.

މީގެ އިތުރުން، އޭނާ އަކީ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަރީޢަތްތަކުގައި ހަގީގަތް ހޯދުމާއި، ޑީއެންއޭއިން ދެނެގަތުމުގެ އިތުރުން ޖިނާއީ ޤާނޫނުގައިވާ އިޖުރާއީ ހައްގުތައް ފަދަ މައުލޫތަކަށް ރިސަރޗްކުރުމުގައި މަޝްހޫރު ޕްރޮފެސަރެކެވެ.

ޖެރަމީ ގޭންސް ނަންގަވައިދެއްވާ މި ސެމިނަރގައި ލޯޔަރުންނާއި، ޕްރޮސިކިއުޓަރުންގެ އިތުރުން ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައްވަނީ ބައިވެރިވަފައެވެ.

މި ސެމިނަރގައި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ހެއްކާބެހޭ ޤާނޫނު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން މި ޤާނޫނަށް އިތުރަށް އަހުލުވެރިކުރެވިގެންދާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި ސެމިނަގައި ކުރެވޭ މަޝްވަރާތަކާއި، ނަގައިދެވޭ ފިލާވަޅުތަކަކީ، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ހެއްކާބެހޭ ޤާނޫނު އުނގަންނައިދިނުމަށާއި، ޤާނޫނީ ފަންނު ކުރިއެރުވުމަށް ކުރިއަށްއޮތް ތަނުގައި ބޭނުންކުރުމަށް މުހިންމު ވާހަކަތަކާއި ފިލާވަޅުތަކަކަށް ވެގެންދާނެ ކަމަށެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނު ތަސްދީޤްކުރެއްވީ 2022ވަނަ އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު ތަސްދީޤްކުރެއްވި ތާރީޚުން ފެށިގެން 6 މަސް ދުވަހުން ފަހުންނެވެ. އެއީ 2023ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18ވަނަ ދުވަހުއެވެ.

މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުޞޫލު ކަމުގައިވާ ހެކީގެ އުޞޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.