ޚަބަރު

ޔަހޫދީންގެ ރައީސް ޣައްޒާއަށް، ބުނީ އަސީރުން މިނިވަން ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް


ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ރައީސް އީޓްސްހާކް ހެރްސޮގް ފަލަސްޠީނުގެ ޣައްޒާއަށް ގޮސް، އެ ބިމުގައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާ ބައްދަލު ކޮށްފިއެވެ. އެ ބައްދަލުވުމުގައި އޭނާ ބުނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅު ޚަބަރެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

ހެރްސޮގް ޣައްޒާއަށް ދަތުރު ކޮށްފައި މި ވަނީ، އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ލާއިންސާނީ ކެމްޕޭނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ނަސްލުހޭދައިގެ ދަށުންނެވެ. ކާބޯތަކެތީގެ އިތުރުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި، ހަސްފަތާލު ފަދަ ތަންތަނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ.

ގަސްދުގައި ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ. އަދި، ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް ވަނީ މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނީ، ބަނޑަށްޖެހިގެން ޝަހީދުވެފައިވާ މީހުންގެ އަދަދު 111އަށް އުފުލިފައިވާ ކަމުގައެވެ. ބަނޑަށް ޖެހިގެން ޖުލައި 22ވަނަ ދުވަހު އެކަނިވެސް 15 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ. އަދި، ޖުލައި 23ވަނަ ދުވަހު އިތުރު 10 މީހުން ޝަހީދުވިއެވެ.

ޣައްޒާއަށް މި ވަގުތު ކާބޯތަކެތި އެތެރެ ކުރާ ހަމައެކަނި ޖަމުޢިއްޔާއަކީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފެ)ވެ. އެއީ، ކާބޯތަކެތި ބެހުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ބޭނުމަކީ، ކާބޯތަކެތި ބަހަމުންދާ ކަމަށް ބުނެ، ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާކޮށް، އެ މީހުންނަށް ޙަމަލާދީ ޝަހީދު ކުރުމެވެ. އެކުވެރި ދައުލަތްތައް (އދ)ން ބުނީ، ޖީއެޗްއެފްގެ މަރުކަޒުތަކަށް ކާބޯތަކެތި ހޯދުމަށް ދިޔަ މީހުންނަށް އަމާޒުކޮށް ޔަހޫދީ ސިފައިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "މެލްނިއުޓްރިޝަން ދަނީ ގިނަވަމުން، ހައިހޫނު ކަން ދަނީ ކޮންމެ ދޮރެއްގައި ޓަކި ދެމުން، މިހާރު ފެންނަމުން މި ދަނީ އިންސާނިއްޔަތު ކަމުގެ ނިޒާމެއްގެ ފަހުނޭވާ،" ގުތެރޭޝް ވިދާޅުވިއެވެ. އަލް-އަޤްޞާ ހަސްފަތާލުގެ ޑޮކްޓަރެއް ބުނީ ޣައްޒާގައި މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައިވާ މީހުންގެ އަދަދު 600,000އަށް އުފުލިފައިވާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި 60,000 މާބަނޑު އަންހެނުން ހިމެނޭ ކަމުގައެވެ.

ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކު މި ވަގުތު ދިރިއުޅެމުންދާ ދަޔިރް އަލް-ބަލަޙަށް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ފުޅާ ކުރަމުންދާ ކަން ވެސް ގުތެރޭޝް ފާހަގަ ކުރެއްވިއެވެ. ޣައްޒާގެ އާބާދީގެ 88 އިންސައްތަ މި ވަގުުތު ދިރިއުޅެމުން ދަނީ ޔަހޫދީ ސިފައިން ބަރުހަތިޔާރާ އެކު ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކުގައެވެ. ނުވަތަ، ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައެވެ. ޣައްޒާގެ ރެފިއުޖީންނާއި ގެދޮރު ނެތިކޮށްލާފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އިޖުތިމާޢީ ޚިދުމަތްތެރިން ވެސް ހައިހޫނުގައި ޖެހިފައިވާ ކަން، އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.