ޚަބަރު

ވެލިދޫ ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި


  • މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅާ ތަނެއް

  • މަސައްކަތް ކުރަނީ އާރްޑީސީން

ނ. ވެލިދޫގައި އަޅާ ކޮމިއުނިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެ ރަށަށް ކުރަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނާއި ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ކައުންސިލްގެ ރައީސެވެ.

މި މަސައްކަތަކީ ވެލިދުއާއި ކާށިދޫ އަދި ލ. ގަމުގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ ނިޒާމު ފެށުމަށް ސަރުކާރުން ފަށާފައިވާ މަޝްރުޢޫގައި ހިމެނޭ އެއް ރަށެވެ.

މިއީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ފަރުވާއާއި އަދި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކެވެ.

ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތާންގައި ޤާއިމުވެފައެއް ނެތެވެ. ސަރުކާރުގެ ޢަމާޒަކީ އާ ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދިއުމެވެ.