ޚަބަރު

ވެލިދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި


  • މި މަސައްކަތް ހަވާލުކޮށްފަވަނީ އާރްޑީސީއާ

  • މިއީ 108 މިލިއަން ރުފިޔާގެ މަޝްރޫޢެއް

ނ. ވެލިދޫގައި މުޅިން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލްގެ ބިންގާ އަޅައިފިއެވެ.

ބިންގާއެޅުމަށް ވެލިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފަވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިންއެވެ.

ވެލިދޫގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތަކީ، އާބާދީ ބޮޑެތި ރަށްތަކުގައި، ސިއްޙީ ޚިދުމަތް ހޮސްޕިޓަލް ފެންވަރަށް ގެނައުމަށް ސަރުކާރުން ފަށާފަވާ މަޝްރޫގައި ހިމަނައިގެން ފަށާ މަސައްކަތެކެވެ. މިކަމުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކުރީ މިއަހަރުގެ މަރޗްމަހުގެ 29ވަނަ ދުވަހުއެވެ.

މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 540 ދުވަހުން ނިންމާގޮތަށް، 108 މިލިއަން ރުފިޔާއަށެވެ.