ޚަބަރު

އިލެކްޝަންސް ކޮމިޝަނުން އެދެނީ ފެންނަ ނުފެންނަ ވޯޓެއް ނަގަން 120 ދުވަހުގެ މުއްދަތެއް ދޭން


  • ބިލުގައިވާގޮތުން 45-90 ދުވަހާ ދެމެދު ވޯޓު ނަގަން ޖެހޭ

  • އިންތިޚާބު ބާއްވަން ރައްޔިތުންނަށް މައުލޫމާތު ދޭން އެކަށީގެންވާ ވަގުތު ބޭނުންވާކަން ފާހަގަކުރައްވާ

ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ބިލުގައި ބަޔާންކުރައްވާފައިވާ މުއްދަތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ. އެ ކޮމިޝަނުން މިގޮތަށް އެދިފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ކޮމިޝަނާ މަޝްވަރާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަނުގެ މެންބަރުން ހާޒިރުކުރެއްވުމުންނެވެ.

"ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުން އެ ވޯޓު ނެގުމަށް ކޮމިޝަނަށް ލިބޭނީ 45 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ނަމަވެސް އެއީ ބައެއް ހާލަތްތަކުގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ހާލަތްތަކާއި އެ ވޯޓާ ގުޅޭ ކަންކަން ވަކި ޤާނޫނެއްގައި ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެފަދަ ވޯޓެއް ނަގަން ޖެހޭނީ ރައްޔިތުންނަށް ވޯޓުގެ ސުވާލު ވަރަށް ރަނގަޅަށް ދޭހަވެ އެ ސުވާލަށް ހޭލުންތެރިކަން އުފެދިގެން ކަމަށް ވިދާޅުވިއެވެ.

މިހާރު ބާއްވާ އިންތިޚާބުތަކުގައި ވޯޓު ނަގާނެ ތާރީޚު ކުރިން އެނގޭ ކަމަށާއި އެ ވޯޓަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބޭކަންވެސް ޒާހިދު ފާހަގަކުރެއްވިއެވެ. ނަމަވެސް ވޯޓުގެ ބާވަތުން 90 ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދެވިދާނެ ކަމަށާއި އެހެންވެ މިހާރު ބިލުގައިވާ މުއްދަތު 45 ދުވަހާއި 120 ދުވަހާ ދެެމެދުގެ މުއްދަތަކަށް ބަދަލުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

"އިދާރީ ގޮތުން މައްސަލައަކަށްވުރެ ބޮޑަށް ރައްޔިތުންނަށް މިކަންކަން ސާފުކޮށް އެނގިގެން، އަންގައިދޭން ތިބޭ މީހުން އަޅުގަނޑުމެން ހިމެނޭހެން. އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މި މަޢުލޫމާތު ދޭން ވަގުތު އިތުރަށް ބޭނުންވާނެކަމަށް ފެންނާތީ އަޅުގަނޑު ހިތަށްއެރީ ވަރަށް ރަނގަޅުވެދާނެއޭ އޭތި ހަމައެހެން ގިނަ އިންތިޚާބުތަކާ އެއްގޮތަށް ގާތްގަނޑަކަށް 120 ދުވަހުގެ މުއްދަތެއް ދީފިއްޔާ ރަނގަޅުވާނެއޭ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ކުރު މުއްދަތެއްގައިވެސް އިންތިޚާބެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެ ކޮމިޝަނުން އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މާލީ ގޮތުންނާއި އިންތިޚާބަށް ބޭނުން އޮފިޝަލުން ހޯދުމުގައި ދަތިތަކާ ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފެންނަ ނުފެންނަ ވޯޓު ނެގުމާބެހޭ ބިލު ފާސްވެ، ޤާނޫނަކަށް ވެގެންދާއިރު އެފަދަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ޤަރާރު ލިބޭ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ދައުލަތުން ބަޖެޓް ދޭން ގޮތް ޤާނޫނުގައި ކަނޑައަޅާފައި އޮތުން މުހިންމު ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.