ސަރަޙައްދީ މީޑިއާތަކުގެ އެންމެ ބޮޑު ބައްދަލުވުން، އޭޝިއާ މީޑިއާ ސަމިޓްގެ 20 ވަނަ ސަމިޓް ރަސްމީކޮށް ފެށުމުގެ ކުރިން ބާއްވާ ޕްރީ ސަމިޓް ވޯރކްޝޮޕްތައް މިއަދު ފަށައިފިއެވެ
ޕްރީ ސަމިޓް ވޯރކްޝޮޕްތަކަކީ މިދާއިރާގެ ފަންނީ ފަރާތްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ކުރިއަށްގެންދާ ވޯރކްޝޮޕްތަކެކެވެ. މިފަހަރުގެ ސަމިޓް ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ކެންބޯޑިއާގެ ސިއެމްރީޕް ސިޓީގައެވެ.
ސަމިޓް ފެށުމުގެ ކުރިން މިއަދުވަނީ ކުރިމަގަށް މީޑިއާތައް ތައްޔާރުކުރުމާ ގުޅޭ ވޯރކްޝޮޕްތަކެއް ފަށާފައެވެ. އެގޮތުން މީޑިއާގައި އަރޓިފިޝިއަލް އިންޓެލިޖެންސް (އޭއައި ) ބޭނުންކުރެވިދާނެ ގޮތްތަކާއި ހުރި ހުރަސްތަކާއި، ޒަމާނީ ޑިޖިޓަލް ނިއުސްރޫމެއްގެ މުހިންމުކަމާއި، ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިމަގުގެ އިތުރުން އާއްމުންނާއި ހިސާބަށް އަވަސް އަދި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާގެ ދަައުރު ހަރުދަނާކުރުން ފަދަ މުހިންމު މައުޟޫތަކަށް މިމަސަޢްކަތުބައްދަލުވުންތަކުގައި މަޝްވަރާކޮށް، މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެއެވެ.
އޭޝިއާ ސަރަހައްދުގެ ޤައުމުތަކާއި އެނޫންވެސް އެހެން ޤައުމުތަކުގެ މީޑިޔާ ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނީ ފަރާތްތައް ހިމެނޭހެން 30އަށްވުރެ ގިނަ ޤައުމުން 300އަށްވުރެ ގިނަ މަންދޫބުން މިއަހަރުގެ ސަމިޓްގައި ބައިވެރިވެއެވެ. ޕަބްލިކް ސަރވިސް މީޑިއާ ( ޕީ.އެސް.އެމް) ހިމެނޭހެން ރާއްޖޭގައި ބްރޯޑްކާސްޓިން އަދި މީޑިއާ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުންވެސް މިއަހަރުގެ މިސަމިޓުގައި ރާއްޖެ ތަމްސީލް ކުރާނެއެވެ.
އޭޝިއާ މީޑިއާ ސަމިޓަކީ އޭއައިބީޑީގެ ފްލޭގްޝިޕް އިވެންޓެއްގެ ގޮތުގައި ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ސެލިބްރޭޓިންގ ޓޫ ޑިކޭޑްސް އޮފް އެކްސެލެންސް އެންޑް ބިޔޯންޑް"އެވެ.
އޭޝިއާ މީޑިއާ ސަމިޓް ބާއްވަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. މި ސަމިޓްގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވާނީ މީޑިއާތަކާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، ތަޖުރިބާ ހިއްސާ ކުރުމާއި މީޑިއާ ދާއިރާގެ ކުރިއެރުމަށް ގެންނަށް ޖެހޭ ބަދަލުތަކާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.