ގަސްތަކާއި ރުއްތަކަށް ޖެހޭ ބަލިތައް ދިރާސާނުކޮށް ފިޔަވަޅު އެޅުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހައްލުވާނެކަމެއްނޫންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގަސްތަކާއި ރުއްތަކަށް ބަލިޖެހޭ މައްސަލައަކީ ދަނޑުވެރިންގެ ދުވަސްވީ ކަންބޮޑުމެކެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނަރަލް އޮފް އެނިމަލް ވެލްފެއަރ ޙާމިދު އިބްރާހީމްފުޅު ވިދާޅުވީ ރާއްޖޭގެ ރުއްތައް ހެދިފައިވަނީ ވަކި ތަރުތީބަކުން ނޫން ކަމަށެވެ. އާންމުކޮށް 2 ރުށް ދޭތެރޭ 20 ފޫޓު ހުންނަން ޖެހޭކަމަށާއި އެހެންނަމަވެސް ރުއްތައް ހެދިފައިވާ ގޮތުން ބައެއް ފަހަރު 3 ފޫޓުވެސް ހުންނަކަމަށް އޭނާވިދާޅުވިއެވެ. މިހެންވުމުގެ ސަބަބުން ބަލި ފެތުރުވުމަށް މަގުފަހިވާކަމަށް ޚާމިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގަސްގަހަށް ބަލިޖެހުމުން ބަލިތައް ނައްތާލުމަށް ބައެއް ފަހަރު ބާރުގަދަ ބޭސް ބޭނުން ކުރާކަމަށެވެ. މިހެންވުމުގެ ސަބަބުން ކޫޑި ފަދަ ބަލިތަކަށް ހަމަލާދޭ ދިރޭތަކެތިވެސް މަރުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރަން ފެށީމައި ވާގޮތަކީ ގަސްގަހާގެހި ތެރޭގައި އުޅޭ ގަސްގަހަށް ފައިދާކުރާ ފަނިފަކްސާ މި ވައިޓް ފްލެޔަރސްއަށް ހަމަލާދޭ. މީތަކެތިވެސް ނެތިގެންދަނީ ބާރުގަދަ ބޭސް ބޭނުންކުރީމަ. ބަޔޯ ޕެސްޓިސައިޑް ބޭނުންކުރީމައި ތިމާވެއްޓާއި ރައްޓެހި ބޭހަކަށްވެފައި ނެތިގެންދާނީ ވައިޓްފްލައި އެކަނި އެޔަށް ހަމަލާދޭ ސޫފިތައް ނެތިގެން ނުދޭ. ބައެއް ރިސޯޓްތަކުގައި ރަށްތަކުގައިވެސް މަދިރި މަރަން ބާރުގަދަ ބޭސް ބޭނުންކުރޭ. މިހެންވުމުގެ ސަބަބުން ހަމަ މިދެންނެވި ހެން ވަނީ" ޙާމިދު ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް މުހައްމަދު ވިދާޅުވީ ގަސްގަހަށް ޖެހޭ ބަލިތައް ނައްތާލެވޭނެ ގޮތުގެ ދިރާސާއެއް ނަހަދައި ފިޔަވަޅުއެޅުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހައްލުކުރެވޭ ކަމެއް ނޫންކަަމަށެވެ. އެގޮތުން ޗައިނާގެ ކަޓާސް އެކަޑަމީއާއެކު އެއްބަސްވުން އެކުލަވާލާ މިކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.
އިސްމާއިލް މުހައްމަދު ވިދާޅުވީ މި މަސައްކަތުގެ ދަށުން 2 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލާފައިވާކަަމަށެވެ. އެހެންނަމަވެސް އެއަށްވުރެއް އިތުރަށް ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"މިފައްޓަނީ އުތުރުގައި ފުރަތަމަ އެއީ ހަނިމާދޫގައި އަޅުގަނޑުމެންގެ އެގްރިކަލްޗަރ ސެންޓަރ އިންނާތީއާއި ދެން މާފަހި ދަނޑުވެރިކަންކުރާ ކޮމާރޝަލް ޕާޕަސްއަށް ރަށެއްވެސް އެކަމުގައި އެއްބާރުލުން ދޭތީ. އަދި ހަމައެގޮތައް މެދު ރާއްޖޭ ތެރޭގައިވެސް އެގްރިކަލްޗަރ މިނިސްޓްރީއަށް އިންނާނެ ރަށެއް ލިބިފައި އަރިޔަދޫ. އަރިޔަދޫގައިވެސް އަޅުގަނޑުމެން ކޮކޮނަޓް ރިހިބެލިޓޭޝަންއާއި ރިސާޗާއި އަދި ޕެސްޓު ކޮންޓްރޯލާއި ގުޅޭ އިތުރު ތަހުލީލުތައް ކުރެވި މުޑުވައްތަކާއި ރާއްޖޭގައި މި ބޭނުންވާ ރުއްތަކުގެ ވެރައިޓީސްތަކާއި ހުރިހާ ޕްރޮގްރާމްތަކެއް ޑިޒައިން ކުރެވިފައިވަނީ" އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް މުހައްމަދު ވިދާޅުވީ ދެކުނަށްވެސް މި ކޮންސެޕްޓުގައި މިކަން ތައާރަފް ކުރެވިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރު ތެރޭގައި މުޅި ރާއްޖެއަށް މިކަން ފުޅާކުރެވިގެން ދިޔުމުން ދެމެހެއްޓެނި ގޮތެއްގައި މޮނިޓަރކުރުމަށް ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.