ހުޅުމާލެ ދެވަނަ ފިވަހީގެ އިންޑަސްޓްރިއަލް ޒޯނުގެ ބަނދަރު މަސައްކަތުގެ ބޮޑު ބައެއް ނިމިފަވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިޤްތިޞާދީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން ސަރަޙައްދު ވަކިކޮށްފަވަނީ ޗެނަލްއަކުންނެވެ. އަދި އެ ސަރަޙައްދު ފޭސް2 ގެ މީހުން ދިރިއުޅޭ ސަރަޙައްދާ ގުޅާލާފަވަނީ ބްރިޖަކުންނެވެ. މި އޭރިއާއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިޤްތިޞާދީ މަސައްކަތްތަކަށް ޚާއްސަކޮށް، ސިނާޢީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ތަރައްޤީކުރާ ސަރަޙައްދެކެވެ. ހައުސިންގ ޑިވެލޮޕްމަޓް ކޯޕަރޭޝަނުން ވިދާޅުވީ ހުޅުމާލެ 2ގައި ތަރައްގީކުރާ ޗެނަލް 2ގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ނޯތު ބީޗާއި އީސްޓް ބީޗުގެ މަސައްކަތްވެސް ހަލުވި ކަމާއިއެކު ކުރިއަށްގެންދަމުންދާކަމަށެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށް ގެނައި ބަދަލުގައި، ހުޅުމާލެއަކީ އިޤްތިޞާދީ ފުރުޞަތައް ތަނަވަސް ތަނަކަށް ހެދުމަށް ސަރުކާރުން ވަނީ، އެތަނުގެ ޕްލޭނަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އެތަނުގައި ޢިޤްތިޞާދީ މަސައްކަތްތައް ފެށުމުގެ ކުރިން، އެތަނުގެ ބަނދަރު ތަރައްޤީކުރުމާއި އަދި ޔުޓިލިޓީގެ މަސައްކަތްތައް އެޗްޑީސީން ދަނީ ކުރިއަށްގެންދަމުންނެވެ.
ހުޅުމާލެ 2ގައި ތަރައްގީކުރާ ޗެނަލް 2ގެ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު، ނޯތު ބީޗާއި އީސްޓް ބީޗުގެ މަސައްކަތްވެސް ހަލުވި ކަމާއިއެކު ކުރިއަށް އެބަދޭ.#withHDC pic.twitter.com/AWuD1ptrFl
— Housing Development Corporation (@hdcmaldives) July 15, 2025
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، ހުލުމާލޭގެ ކުރީގެ މާސްޓަރ ޕްލޭން އޮތްގޮތުން، ހުޅުމާލެއަށް އެކަށީގެންވާ ބަނދަރެއް ތަރައްޤީކުރަން ހިމާނަފަ ނެތްކަމަށެވެ. ނަމަވެސް އާ މާސްޓަރޕްލޭން އެކުލަވާލިއިރު، ތަނަވަސް، ވަސީލަތްތައް ހަމަ ބަނދަރެއް ހިމަނާފަވާނެކަމަށެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ހިއްކާފައިވާ އިކޮނޮމިކް އޭރިއާގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރއެއް ތަރައްޤީކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ސެންޓަރަކީ ވިޔަފާރީގެ ގިނަ ފުރުޞަތުތަކެއް ފަހިވާގޮތަށް ހަދާ ތަނެކެވެ. އަދި މި ސެންޓަރާއެކު އެތައް ހާސް ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. އަދި މި ސަރަޙައްދުވެފެންދާނީ މާލެ ސަރަޙައްދުގެ ވިޔަފާރީގެ މައި ހަބަކަށެވެ.
ހުލުމާލޭގެ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާހުކުރުމަށް، މިއަހަރުގެ މޭމަހުގެ 26 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމަށް ގެންގުޅުއްވާ ތަޞައްވުރު، ހާސިލްކުރުމަށް މި މާސްޓަރ ޕްލޭނާއެކު މަގުފަހިވާނެކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުގާނުގެ ތަޞައްވުރަކީ ހުޅުމާލޭގެ ތިން ފިޔަވަހި އެކުގައި ފައިނޭންޝަލް ސެންޓަރާއެކު ގުޅިލާމެހިގެން ތަރައްގީވެގެންއައުންކަމަށެވެ.