ޚަބަރު

އަލް ނަސްރުގެ ކޯޗަކަށް ޖޯޖް ޖީސުސް


ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގެ ކްލަބް އަލް ނަސްރުގެ ކޯޗަކަށް އެ ޓީމާއި އެންމެ ވާދަވެރި އެއް ކްލަބް ކަމުގައިވާ އަލް ހިލާލުގެ ކުރީގެ ކޯޗު ޖޯޖް ޖީސުސް ހަމަޖައްސައިފި އެވެ.

ޕޯޗުގަލް އަށް އުފަން އުމުރުން 70 އަހަރުގެ ޖޯޖް ވަނީ މީގެ ކުރިން އަލް ހިލާލް އަށް ކޯޗުކޮށްދީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފަ އެވެ. އެގޮތުން އަލް ހިލާލް ކޯޗު ކަމާއި ދެވަނަ ފަހަރަށް ހަވާލުވެ އޭނާ ވަނީ 2024-2023 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބަށް އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.

އަލް ހިލާލް ގެ ކޯޗު ކަމުގެ މަގާމުން މީގެ ދެ މަސް ދުވަސް ކުރިން އިސްތިއުފާ ދިން ޖޯޖް ޖީސުސް އަލް ނަސްރުގެ ކޯޗު ކަމާއި ހަވާލުވިކަން އަލް ނަސްރު އިން ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ބްރެޒިލްގެ ފުލުމިނެންސޭ އާއިއެކު ކޯޕާ ލިބަޓަޑޯރެސްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖޯޖް ޖީސުސް އަލް ނަސްރުގެ ކޯޗު ކަމަށް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުރި އިޓަލީގެ ސްޓެފަނޯ ޕިއޯލީގެ ބަދަލުގަ އެވެ.

ޖޯޖް ޖީސުސް އަލް ނަސްރުގެ ކޯޗު ކަމާއި އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެފައިވާއިރު އޭނާގެ މުސާރަ އާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ސައުދީ ލީގުގެ ޗެމްޕިއަންކަން ނުވަ ފަހަރު މަތިން ހޯދާފައިވާ އަލް ނަސްރު އިން ވަނީ އެ ޓީމަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް 2027 ގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑު ކުރުވަން ނިންމާފަ އެވެ.