10،000 ހައުސިން ޔުނިޓް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ "އަހާ" ފޯރަމްގައި ހިޔާ ފްލެޓު ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިޔުން ދިނުމަށް ފަހު، ރައީސް އިބްރާހިމް ޞަލީހްގެ ސަރުކާރުން ފްލެޓު އަތުލި މީހުންނަށް އަލުން ފްލެޓް ލިބޭނެ އިރަކާގުޅޭގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒިރު ވިދާޅުވީ މި ސަރުކާރުން ގެންދާ ފުރަތަމަ ހައުސިންގ މަޝްރޫއުގެ ތެރެއިން އެފަދަ މީހުންނަށް ފްލެޓު ދޭނެ ކަމަށެވެ.
ވަޒިރު ޑރ. މުއްޠަލިބް ވިދާޅުވީ ވަކި ނިންމުމެއްގެ ގޮތުގައި، ކުރީގައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދިނުމަށްފަހު ފްލެޓު ނުލިބޭ މީހުންނަށް އިސްކަންދިނުން އެބައޮތް ކަމަށެވެ. ވަޒިރު ވިދާޅުވީ މިހާރުވެސް 10،000 ހައުސިން ޔުނިޓް އެޅުމަށް ފައިނޭންސް ހޯދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގުޅީފަޅުގައި އެޅުމަށް ހަމަޖައްސާފައިވާ 4،000 ހައުސިން ޔުނިޓު ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުތަކުގެ ތެރެއިން ކޮންމެ މަޝްރޫއަކުން ވިއަސް ހިޔާ ފްލެޓުގެ ލިޔުން ލިބި، ފްލެޓު ނުލިބުނު މީހުންނަށް އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކޮންމެ މަޝްރޫއެއް ނަމަވެސް، އެންމެ އަވަހަށް ފެށިގެންދާ މަޝްރޫއުގެ ތެރޭގައި އަޅުގަނޑުމެން އިސްކަންދޭނެ މި ދެންނެވި ގޮތަށް ހިޔާ ފްލެޓުގައި އޭރު ފްލެޓު ދީފައި އެ ކެންސަލްކުރި ފަރާތްތައް. އޭރު ލިސްޓު އިއުލާންކޮށްފައި ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ނުދިން ފަރާތްތަކުގެ ތެރޭގައި މިހާރުގެ ހާލަތަށް ބަލާއިރު އެ ފަރާތަކީ ބޯހިޔާވަހިކަމެއް ނެތް ފަރާތެއް ނަމަ އެ ފަރާތަށް އިސްކަންދެވޭނެ ކަހަލަ ނިޒާމެއް ގާއިމްކުރާނެ." އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލިޔުން ދިނުމަށްފަހު ލިސްޓުން އޭރު ވަކިކުރީ އިންސާފުން ނޫން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ވަޒީރު ޑރ. މުއްޠަލިބު ދެއްކެވީ ދިރިއުޅޭ ތަނުގެ ފާރުގައި ރެނދު ނެތުމުން ވެސް ލިސްޓުން އުނިކޮށްފައި ހުރިކަން ފާހަގަކުރެއްވުއެވެ.
"އެ ފަރާތްތަކަށް މިދިޔަ ފަސް އަހަރު މި ދިޔައީ އެއްވެސް ކަހަލަ އިންސާފެއް ނުލިބި. އެހެންވީމަ އަޅުގަނޑުމެން ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ހިޔާ ފްލެޓުގެ ލިޔުންތައް ލިބި ކެންސަލްކުރި ފަރާތްތަކަށް އިސްކަންދޭ މެކޭނިޒަމެއް ގާއިމްވެގެންދާނެ." އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް ބަހާލާފައިވަނީ އެކި ކެޓަގަރީތަކަށެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޓީޗަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުން އަދި ސިވިލް ސާވިސް ކެޓަގަރީ ހިމެނެއެވެ. އަދި 7،000 ފްލެޓުގެ ތެރެއިން އެޕާޓްމަންޓެއް ލިބޭނެ ކަމަށް ބުނެ އޭރު ލިޔުންދިނެވެ. ނަމަވެސް ރައީސް ޔާމީންގެވެރިކަން ނިމި ރައީސް އިބްރާހިމް ޞާލިޙުގެ ވެރިކަމުގައި ވަނީ ހިޔާ ފްލެޓުގެ ލިސްޓު އަލުން އެކުލަވާލާ ފްލެޓު ލިބޭނެ ކަމަށް ބުނެ ކުރިން ލިޔުން ދިން ބައެއް މީހުން ލިސްޓުން އުނިކޮށްފައެވެ.