ޚަބަރު

ފުރަތަމަ 6 މަސް ދުވަހު ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ


  • މިއީ މިދިޔަ އަހަރަށްވުރެ އިތުރު އަދަދެއް

  • ފީ އިތުރުވީ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން އަންނާތީ

ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ފުރަތަމަ 6 މަސްދުވަހު 1.7 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ވަނީ އިތުރުވެފައެވެ.

ފުރަތަމަ 6 މަސްދުވަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 879،898،237 (އަށްސަތޭކަ ހަތްދިހަ ނުވަ މިލިޔަން އަށްލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ތިރީސް ހަތެއް) ރުފިޔާއެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 594،514،301 (ފައްސަތޭކަ ނުވަދިހަ ހަތަރު މިލިޔަން ފަސްލައްކަ ސާދަހާސް ތިންސަތޭކަ އެކެއް) ރުފިޔާއެވެ. އެހެންކަމުން މިއީ %48 އިތުރުވުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ފުރަތަމަ 6 މަސްދުވަހު ލިބިފައިވަނީ 885،816،410 (އަށްސަތޭކަ އަށްޑިހަ ފަސް މިލިޔަން އަށްލައްކަ ސޯޅަހާސް ހަތަރުސަތޭކަ ދިހަ) ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 606،720،188 (ހަސަތޭކަ ހަ މިލިޔަން ހަތްލައްކަ ވިހިހާސް ސަތޭކަ އަށްޑިހަ އަށް) ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އަދަދު ވަނީ %46 އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ 6 މަސްދުވަހުގެ ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ، ދައުލަތުގެ އާމްދަނީގެ %10.6 ހިއްސާކުރެއެވެ.

ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕަޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.