މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހު ހ. ފެންޓަނޯއީގެއިން އަންހެނަކު ވެއްޓުނު ހާދިސާ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްސަ ކޮމިޓީ އުވާލައްވައިފިއެވެ. އެމަނިކުފާނު މިއަދު އެ ކޮމިޝަން އުވައިލެއްވީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ނެރުއްވި ޤަރާރަކުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެމަނިކުފާނު ޚާއްސަ ކޮމިޝަން އުފެއްދެވީ، މި އަހަރުގެ އޭޕްރިލް މަހުގެ 27ވަނަ ދުވަހުއެވެ. އެ ކޮމިޝަން އެކުލަވައިލެއްވީ އޭޕްރިލް މަހުގެ 18ވަނަ ދުވަހު ހ. ފެންޓަނޯއީގެއިން ހައްވާ ޔުމްނު ވެއްޓުނު ހާދިސާ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ކުރުމަށެވެ.
މި ތަހުގީގު ނިންމައި އެ ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައެވެ. އެގޮތުން ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު ޢާންމުކުރައްވާފައިވަނީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ސިއްޙީ ވުޒާރާއަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
ކޮމިޝަނުގެ ރިޕޯޓްގައި، ހ. ފެންޓަނޯއީ ގެއަށް ޔުމްނު އަދި އެ މައްސަލައިގައި ދެން ޝާމިލްވާ ރައުދު އަހުމަދު ޒިލާލް ގޮސް ވަދެފައިވަނީ އަމިއްލަ އިޚުތިޔާރުގައި ކަމަށާއި އެރޭ ހިނގައި ދިޔަ ކަންކަމުގެ ސީސީޓީވީ ފުޓޭޖު ފޮހެލަން މަސައްކަތްކޮށް ނުވަތަ ބަދަލެއް ގެނެސްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ހާދިސާ ހިނގި ރޭ ޔުމްނު އަދި ރައުދު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކޮށްފައިވާ ތަހުލީލުތަކުންނާއި އެމީހުންނާއެކު ހާދިސާ ހިނގުމުގެ ކުރިން އުޅުނު މީހުންގެ ބަޔާންތަކުން އެންގެން އޮތުމާއެކު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިޚްތިޔާރުގައި ކަން އެނގޭކަން ފާހަގަކޮށްފައިވެއެވެ.
އަދި ހާދިސާއާއި ގުޅޭ އެއްވެސް ކަމެއް ރައުދު ހަނދާން ނެތްކަމަށް ބުނެފައިވުމާއެކު މަސްތުގެ ހާލަތުގައި ތިބެ ހިނގި ކަންތަކުގެ ޒިންމާ ނަގަންޖެހޭނީ އަމިއްލައަށް ކަމަށްވުމުން، ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލެއް އޮތްކަމަށް ބުރަވެވޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި މުޢައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތަށްވެސް ކޮމިޝަނުގެ ތަހުޤީޤުގެ ތެރެއިން ވަނީ ބަލާފައެވެ. މިިގޮތުން ހޮސްޕިޓަލާއި ހަމައަށް ގެންދިއުމާއި ފަރުވާ ދިނުމުގައި އިޖުރާޢަތްތަކާއި އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށް ރިޕޯޓްގައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ތަހުޤީޤު ކުރިއަށް ގެންދިއުމުގައި އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ރަނގަޅު ކުރަން ފެންނަ ކަންކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.