އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނެސްފިއެވެ. އަބްދުއްރަހްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު އަބްދުއްރަހްމާން އާދަމް އޮތްވާ ފެނިގެން އެ ކަމުގެ މަޢުލޫމާތު ލިބިފައިިވަނީ ރޭ ދަންވަރު 1:50 އެހާކަންހާއިރުކަމަށެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ މާޅޮހުގައި ތަޙުޤީޤެއް ފަށާފައެވެ. އެގޮތުން، އަބްދުއްރަހްމާން ނިޔާވުމާ ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ.
އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށެވެ. އަދި މިހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.