ޚަބަރު

ފަހަތުން އަރާ ސްވިޑަން އިން ޖަރުމަން ބަލިކޮށްފި


މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން އާއި ދެކޮޅަށް ސްވިޑަން ކުޅުނު މެޗު ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުން ސްވިޑަން އިން ޖަރުމަން ބަލިކޮށްފި އެވެ.

ގްރޫޕް ސީ ގައި ކުޅުނު މި މެޗު ސްވިޑަން އިން ކާމިޔާބު ކުރުމާއިއެކު އެ ޓީމުން ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ޖަރުމަނަށް 6 ޕޮއިންޓާއެކު ދެވަނަ ލިބިފައިވާއިރު ޕޮލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މި މެޗުގެ ހަތްވަނަ މިނިޓުގައި ޖޫލް ބްރޭންޑް ވަނީ ލަނޑެއް ޖަހާ ޖަރުމަނަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ސްވިޑަންގެ ބްލެކްސްޓެނިއަސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ސްވިޑަން އިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ހޮލްމްބަރގް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސްވިޑަން އިން ލީޑު ނެގިތާ ހަވަނަ މިނިޓުގައި ޖަރުމަނަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުގެ ވަމްސަރ އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. އެހެންކަމުން މެޗުގެ ގިނަ ވަގުތު ޖަރުމަނުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސްވިޑަން އަށް ލިބުނު ޕެނަލްޓީ އަކުން ރޮލްފޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ސްވިޑަން އިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލީނާ ހާރޓީގް އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ޕޮލެންޑާއި ޑެންމާކް ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ޕޮލެންޑް އެވެ. މި މުބާރާތުގައި ޑެންމާކް ކުޅުނު ތިން މެޗުންވެސް ބަލިވެ އެ ޓީމުން މުބާރާތް ނިންމާލާފައިވަނީ ޕޮއިންޓެއް ނުލިބި އެވެ.