ޢާންމުކޮށް ބަންގިގޮވައި ނިމުމާއި، ޖަމާޢަތުގެ ނަމާދަށް ޤަމަތްދޭން ފަށާ ގަޑިއާ ދެމެދު ހޭދަކުރާ ވަގުތުގެ ދިގުމިނުގެ މިންގަނޑަކީ ކުރިއްސުރެވެސް ޢަމަލުކުރައްވަމުން އަންނަ ގޮތްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަން ބަޔާންކުރެއްވީ، މި މިންގަނޑާ ތަފާތުކޮށް ބައެއް މިސްކިތްތަކުގައި ޢަމަލުކުރަމުން އަންނަކަން ފާހަގަކުރެއްވިގެން އެކަން އަލުން އެންގެވުމަށް އެ މިނިސްޓްރީން ނެރުއްވި ސަރކިއުލަރ އެއް އެކި ފަރާތްތަކުން މީޑިއާގައި ދައުރުކޮށް، އެކަމަށް ހަޖޫޖަހައިހަދަމުންދާތީ އެކަމާ ގުޅިގެންނެވެ. އަދި މިކަމާގުޅޭގޮތުން ބައެއް ފަރަތާތްކުން ދައްކާ ވާހަކައިގައި، ބަންގިއާއި ޖަމާޢަތުގެ ނަމާދު ފެށުމާ ދެމެދު ކަނޑައެޅިފައިވާ ވަގުތަކީ މާ ކުރު ވަގުތެއްކަމަށް ބުނާކަން ފާހަގަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ކުރިން އަންގަވާފައި އޮންނަނީވެސް އަދި ފަހުން ސަރކިއުލަރއަކުން އެންގެވި އެންގުވުމުގައި ވަނީވެސް، ބަންގި ގޮވައި ނިމުމާއި ގަމަތްދިނުމާ ދެމެދު ހޭދަކުރާ ވަގުތުގެ ދިގުމިނަކީ، ފަތިސް ނަމާދުގައި ހަތް މިނިޓް އަދި އެހެން ނަމާދުތަކުގައި ފަސް މިނިޓްކަމަށެވެ.
އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވީ ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރަން ވަކި ވަގުތެއް ކަނޑައަޅުއްވާފައި އޮންނަނަމަވެސް ބަންގި ގޮވުމާއެކުހެން ސުންނަތް ނަމާދުކުރަން ފަށާ މީހުން ނުވަތަ ބަންގިގޮވުމާއެކު ލަސްނުވެ މިސްކިތަށް އަރާ މީހުން ސުންނަތް ނަމާދުކުރަން ތިއްބައި ޤަމަތްދީ ނަމާދުކުރަން ޢާންމު ގޮތެއްގައި ނުފަށާނެކަމަށެވެ.
"ބަންގި ދޭ ވަގުތުން ފެށިގެން ޤަމަތްދޭ ވަގުތާ ހަމައަށް މިހާރުވެސް ދެވެނީ 10 މިނިޓް. އޭގެ މާނައަކީ އެ ދިހަ މިނިޓްގެތެރެއިން ބަންގި ދިނުމަށްދާ ހަތަރުވަރަކަށް މިނިޓް ދިޔައިމަ ރަވާތިބު ސުންނަތް ކުރުމަށް މިލިބެނީ މިހާރުވެސް މިލިބެނީ ފަހެއް ނުވަތަ ހަ ވަރަކަށް މިނިޓް. އެހެންވީމަ އެ ހަ މިނިޓް މިލިބެނީ. އަޅުގަނޑުމެން މިހާރުވެސް މި ބުނަނީ ބަނގި ގޮވާ ނިމުނީމަ އެބޭފުޅުންނަށް ދެއްވާށޭ ފަސްމިނިސްޓް ނުވަތަ ހަތް މިނިޓްވަރު. އެހެންވީމަ އަޅުގަނޑު ދަންނަވަން މިއުޅެނީ އަޅުގަނޑުމެން މި ނެރުނު ސަރކިއުލަރއަކާއި ގުޅިގެން މާބޮޑު ބަދަލުތަކެއް އައިސްގެން ރަވާތިބު ސުންނަތް ނުކުރެވޭހާ ވަގުތެއް މީގެތެރެއިން ކެނޑިގެން ގޮސްގެނެއް ނޫނޭ މިއުޅެނީ." މުސްޠަފާ ވިދާޅުވިއެވެ.
އިސްލާމިކް އެފެއަރޒް މިނިސްޓްރީން ވިދާޅުވީ މިހާރުވެސް ބައެއް މިސްކިތްތަކުގައި ބަންގި ގޮވާ ގަޑިއާއި ޤަމަތްދޭ ގަޑި އެނގޭގޮތަށް ގަޑި ބެހެއްޓިފައިވާކަމަށެވެ.