ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 14400 އަށްވުރެ މައްޗަށް


  • ތަފާތު 8 ގިންތިއަކުން ދަފްތަރުގައި މީހުން ރަޖިސްޓްރީވެފައިވޭ

  • އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖޫން މަހުގެ ނިޔަލަށް 14000އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އެންސްޕާއިން ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި 8 ގިއްތިއެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މިބައިން އެކަނިވެސް ޖުމްލަ 4117 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1818 އަންހެނުންނާއި 2299 ފިރިހެނުންނެވެ.


މަލްޓިޕަލް ޑިސްއެބްލިޓީ ހުރެގެން ޖުމްލަ 3224 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 1134 އަންހެނުންނާއި 2090 ފިރިހެހުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1889 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 819 އަންހެނުންނާއި 1070 ފިރިހެނުން ހިމެނެއެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1793 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 722 އަންހެނުންނާއި 1071 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1745 ފަރާތެއް ހިމެނޭއިރު މީގެ ތެރޭގައި 922 އަންހެނުންނާއި 823 ފިރިހެނުން ހިމެނެއެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 471 އަންހެނުންނާއި 532 ފިރިހެނުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ ޖުމްލަ 1003 ފަރާތެކެވެ.

އޯޓިޒަމް ހުރެގެން ޖުމްލަ 586 ފަރާތެއް ރަޖިސްޓްރީ ވެފައިވާއިރު މީގެ ތެރޭގައި 123 އަންހެނުންނާއި 463 ފިރިހެނުން ހިމެނެއެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 19 އަންހެނުންނާއި 36 ފިރިހެނުން ޖުމްލަ 55 ފަރާތެއް ވަނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.