ދުނިޔެ

ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަކީ ވާނެކަމެއް ނޫން- ގައުކް


ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކަން ހޯދައި ދިނުމަކީ އެއްވެސް ޤައުމެއްގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ޖަރުމަނުވިލާތުގެ ރައީސް ޔޯހިމް ގައުކް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތަށް ދާދިފަހުން ކުރިމަތިވި ސިލްސިލާ ހަމަލާތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ޖައުކް ވިދާޅުވީ ޓެރަރިސްޓް ހަމަލާތަކާ ކުރިމަތިލުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ޤައުމީ ވަހްދަތު ކަމަށާ އެއްބައިވަންތަ މުޖްތަމަޢަކަށް ޓެރަރިސްޓް ހަމަލާތައް ދިފާއު ކުރެވޭނެ ކަމަށެވެ.

ޖަރުމަނުވިލާތުގެ ރައީސް ޔޯހިމް ގައުކް މިމޭރުމުން ވާހަކަ ދެއްކެވީ މީގެ ދިހަވަރަކަށް  ދުވަސްކުރިން މިޔުނިކަށް ދިން ބަޑީގެ ހަމަލާތަކެއްގައި މަރުވި 9 މީހުންގެ ޖަނާޒާއާ ގުޅޭގޮތުން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޖައުކް ވިދާޅުވީ އެއްވެސް ޤައުމެއްގެ ސަރުކާރަކަށް އެގައުމެއްގެ ރައްޔިތުންނަށް އެންމެ ފުރިހަމަގޮތުގައި ރައްކާތެރިކަން ހޯދައި ނުދެވޭނެކަމަށާ ނަމަވެސް ޓެރަރިސްޓް ހަމަލާތައް ކޮންޓްރޯލްކޮށް އެކަމުގެ ނުރައްކާ ކުޑަ ކުރެވިދާނެ ކަމަށެވެ.

"ކޮންގައުމެއްގެ ސިޔާސީ ވެރިންނަށްތޯ އެގައުމެއްގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި އަމާންކަމާއި ރައްކާތެރިކަން ލިބޭނެ ކަމުގެ ގެރެންޓީ ދެވޭނީ؟ މިއާއެކުވެސް އަހަރެމެންނަށް ކުރެވޭނެ ކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދެވޭތޯ އަނެއްކާވެސް މަސައްކަތްކުރުން، ހަރުކަށި އަމަލުތައް ހިންގާ ފަރާތްތަކުގެ ނުރައްކާ ކުޑަކޮށް އެފަރާތްތަކުގެ ޙަމަލާތަކުން ދިފާއުވުމަށްޓަކައި ކުރެވެން އޮތްކަމަކީ ސަރުކާރުގެ އިދާރާތަކާއި ސިވިލްސޮސައިޓީ ގުޅިގެން އެކަމަށް މަސައްކަތްކުރުން." ޖަރުމަނުވިލާތުގެ ރައީސް ޔޯހިމް ގައުކް ވިދާޅުވިއެވެ.

ފާއިތުވި 3 ހަފްތާ ތެރޭގައި ޖަރުމަނުވިލާތުގެ އެކި ކަންކޮޅުތަކުގައި ދިން އެކިބާވަތުގެ 5 ހަމަލާއެއްގައި 15 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. މި ހަމަލާތަކާއެކު ޖަރުމަނުގެ އާންމު ރައްޔިތުންގެ ހިއްތަކުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.

މިދިޔަ ޖުލައިމަހުގެ ބާވީހުގައި އީރާން ދަރިކޮޅުގެ މީހަކު މިޔުނިކަށް ދިން ބަޑީގެ ޙަމަލާތަކުގައި 9 މީހުން މަރުވެފައިވާއިރު އަފްޣާން ދަރިކޮޅަށް ނިސްބަތްވާ މީހަކު މީހަކު ރޭލެއްގައި ދިން ވަޅީގެ ހަމަލާއެއްގައި 1 މަރުވެފައިވެއެވެ. މިދެ ހަމަލާގެ އިތުރުންވެސް ޖަރުމަނުވިލާތުގެ އެކި ސަރަހައްދުތަކުގައި ދިން ތަފާތު 3 ހަމަލާއެއްގައި 5 މީހުން މަރުވެފައިވާއިރު މިއީ ސޫރިޔާފަދަ ޤައުމުތަކުން ޖަރުމަނުވިލާތަށް ހިޖްރަކުރާ ރެފިއުޖީންގެ ސަބަބުން ކުރިމަތިވަމުންދާ ހަމަލާތަކެއްކަމަށް އެޤައުމުގެ ބައެއް ފަރާތްތަކުން ދެކެއެވެ. މިހަމަލާތަކަށްފަހު ޖަރުމަނު ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުންވަނީ ރެފިއުޖީންނަށް މަރްޙަބާ ކިޔުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކަލް ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުކިޔައި އެސިޔާސަތުތައް ބަދަލުކުރުމަށް ގޮވާލާފައެވެ. މީގެއިތުރުން އަފްޣާނިސްތާނާއި އިރާގާއި ސޫރިޔާއާއި ލީބިޔާފަދަ އަރަބި އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ އަރާރުންތަކުގެ ތެރެއަށް ޖަރުމަނުވިލާތް ނުވަނުމަށްވެސް އެފަރާތްތަކުން ވަނީ އެންގެލާ މާކަލްގެ ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް މާކަލްވަނީ ޖަރުމަނުވިލާތަށް ކުރިމަތިވި ހަމަލާތަކާއި އެޤައުމަށް ހިޖްރަކުރާ ރެފިއުޖީންނާ ގުޅުން ނުވާކަން ބަޔާންކުރައްވައި ރެފިއުޖީންނަށް މަރްޙަބާ ކިޔުމުގެ ސިޔާސަތުތައް ކުރިޔަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޖަރުމަނުވިލާތަށް ކުރިމަތިވެފައިވާ އަމަނާބެހޭ މައްސަލަތައް ހައްލުކޮށް ޓެރަރިޒަމްގެ ނުރައްކާތައް ކުޑަކުރުމަށްޓަކައި މާކަލްގެ ސަރުކާރުންވަނީ 9 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް މިދިޔަ ހަފްތާގައި އިޢުލާންކޮށްފައެވެ. މިޕްލޭން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޖަރުމަނުވިލާތަށް ހިޖްރަކުރާ ރެފިއުޖީންގެ ފަރާތުން ނުރައްކާތައް ކުރިމަތިވެދާނެކަމަށް ބަލައި އެކަމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މައްޗަށް ކަމަށް ޚަބަރުތައް ބުނެއެވެ.