ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައްކުރެއްވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކޮށްދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) July 11, 2025
ތަޢުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ޤައުމު… pic.twitter.com/MH4kVklIfZ
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުޞްޠަފާ އިބްރާހީމް ނިޔާވީ ރޭގެ ވަގުތެއްގައި އިންޑިޔާގެ ކޮޗިންގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުކަމަށް މަޢުލޫމާތު ލިބެއެވެ.
ޑރ. މުޞްޠަފާ އިބްރާހީމަކީ ތެލެސީމިއާއަށް ފަރުވާކުރުމުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެ ގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އުފެދުމުގައި އެބޭފުޅާގެ ދައުރު ބޮޑެވެ. ޑރ. މުޞްޠަފާ ވަނީ ކެނެޑާގެ ދަ ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާއިން 2011 ވަނަ އަހަރު ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ޕީއެޗްޑީ ޙާސިލުކުރައްވާފައެވެ.
ޑރ. މުޞްޠަފާ އިބްރާހީމަކީ ޞިއްހީ އެކި ދާއިރާތަކުން ދިރާސާ ހެއްދެވި ޢިލްމުވެރިއެކެވެ. ރާއްޖެއަށް ޚިދުމަތްކުރެއްވުމަށްފަހު، ރާއްޖެއިން ބޭރަށް ވަޑައިގެން އެކި ދިރާސާތައް ހެއްދެވިއެވެ.
ޑރ. މުޞްޠަފާ އިބްރާހީމް ނިޔާވިއިރު، ޢުމުރުފުޅަކީ 57 އަހަރެވެ.