ޚަބަރު

ފަސެންޖަރުންނަށް ލުުއިފަސޭހަ ޚިދުމަތެއް ދިނުމަށް ވީއައިއޭގެ އައު ޓަރމިނަލްގައި ގިނަ ޓްރަޔަލްތަކެއް


  • އެމްއީއޭސީލްއާ މޯލްޑިވިއަންގެ މުވައްޒަފުންނަށް ޓްރައަލްތައް ވަނީ ކުރިއަށްގެންގޮސްފަ

  • ޓަރމިނަލް ހުޅުވަނީ 26 ޖުލައިގަ

  • ޓަރމިނަލްގެ ޚިދުމަތްތައް ޤާއިމުކުރަނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ ކޮންމެ ކަމަކީ ވަރަށް ރަނގަޅަށް ތަރުތީބުކުރެވި، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެގޮތަށް ދިނުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކެކެވެ.

އައު ޓަރމިނަލްގެ ޚިދުމަތް ފެށުމަށް ދެ ހަފްތާއަށް ވެފަވާއިރު، ޕަސެންޖަރުންނަށް އެއްވެސް ދަތިކަމެއް ދިމާނުވާނެގޮތަށް، ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ގެންދެވޭނެގޮތަށް އެމްއޭސީއެލްއާއި، އައު ޓަރމިނަލުގައި ފުރަތަމަ ޚިދުމަތްދޭން ފަށާ އެއަރލައިން، މޯލްޑިވިއަންގެ ސްޓާފުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ވަކި ތާވަލަކަށް ބަހާލައިގެން އައު ޓަރމިނަލްގެ ޚިދުމަތްތައް ތަޖުރިބާކުރުމުގެ ޓްރަޔަލްތަކެއް ވަނީ ފަށާފައެވެ. މި ޕްރޮސެސްގައި ފުރަތަމަ ކުރިއަށްގެންދިޔައީ އެކިއެކި ޚިދުމަތްދޭ މުވައްޒަފުން، އައު ޓަރމިނަލްގެ ޚިދުމަތް ރޭވިފައިވާގޮތާއި، އަދި ޚިދުމަތްތައް ޓަރމިނަލްގެ އެތެރޭގައި ބެހިފަވާގޮތަށް ފަރިތަކުރުމަށް ކުރިއަށްގެންދިޔަ މަޢުލޫމާތުދިނުމުގެ ސެޝަންތަކާ އަދި ތަމްރީންތަކެވެ.

އެގޮތުން އެކި ޚިދުމަތްތައް ދޭ ސްޓާފުން ޓަރމިނަލްއަށް ގެންގޮސް، މި މަސައްކަތްތައް އެއަރޕޯޓްގެ އޮރާޓް ޓީމުން ކޮންމެ ދުވަހަކުވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

މިހާރު މިވަނީ ޚިދުމަތްތަކުގެ ފައިނަލް ޓްރަޔަލްތައް ފަށާފައެވެ. މިއީ ޚިދުމަތްދޭ ރިއަލްޓައިމްގައި ނުވަތަ ޚިދުމަތުގެ ވަގުތުގައި ޓަރމިނަލްތެރޭގެ ކަންކަން ހިނގާނެ ގޮތް ތަޖުރިބާކުރުމުގެ ބައެވެ.

ފުރަތަމަ ދުވަހު ކުރިއަށްގެންދިޔައީ، މޯލްޑިވިއަންގެ ކައުންޓަރުން ޗެކިންވުމާއި ޕެސެންޖަރުންނަށް ބޯޑިން ޕާސް ދޫކުރުމާއި، ލަގެޖު ލޭންޑްލިންއަށް ފޮނުވުމާ ގުޅޭ މަސައްކަތްތަކެވެ.

ޓްރަޔަލްގެ ދެވަނަ ދުވަހު މިވަނީ، ބޯޑިން ގޭޓްތަކުގައި ޢަމަލުކުރާނެގޮތާ އަދި ބެގޭޖް ހޭންޑްލިންގައި މެޝިންތައް ބޭނުންކުރުމާ އަދި ސްޓާފުން މަސައްކަތްތައް ކުރިއަށްގެންދާނެގޮތް ތަޖުރިބާކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ޕެސެންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދިނުމާއި އަދި ފުރޮޅުލީ ގޮނޑީގައި ޚިދުމަތް ހޯދާ މީހުންނަށް އެހީތެރިކަން ދޭނެ ގޮތްވެސް ވަނީ ތަޖުރިބާކޮށްފައެވެ.

ޗެކިން ކައުންޓަރުން ފެށިގެން ބޯޑިން ގޭޓާ ހަމައިން ޚިދުމަތް ލިބުމުގެ ކަންކަން ވަނީ ޓްރަޔަލްގެ ބައިވެރިން ތަޖުރިބާކޮށްފައެވެ. އަދި އިމިގްރޭޝަންއާއި ކަސްޓަމްސްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ ކަންކަންވެސް ވަނީ ތަޖުރިބާކޮށްފައެވެ.

ވީއައިއޭގެ ބެގޭޖް ހޭންޑްލިން ސިސްޓަމަކީވެސް އެންމެ ޒަމާނީ ޚިދުމަތެކެވެ. އަދި ސެކިއުރިޓީގެ ގޮތުންވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ ސިސްޓަމެކެވެ.


އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރަނީ 3 މަސްދުވަހެއްހާ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މަރުޚަލާތަކަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ ޚިދުމަތް ފަށަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ.

އެއަށްފަހު ދެން ޚިދުމަތްފަށާނީ ބައިނަލްއަޤްވާމީ އެހެން އެއަރލައިން އޮޕަރޭޓަރުންގެ ނެރޯ ބޮޑީ ބޯޓުފަހަރަށެވެ. އަލަށް ޚިދުމަތް ފަށާ ޓަރމިނަލަކަށްވާއިރު، ޚިދުމަތްތައް އާ ޓަރމިނަލަށް ބަދަލުކުރާނީ ފަހަރަކު މަރުޚަލާއެކެވެ. ވައިޑް ބޮޑީ މަތިންދާ ބޯޓުތަކަށް، މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަނަށް ހުޅުވާލުމަކީ ސަރުކާރުގެ ޢަމަޒެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ވީއައިއޭގެ އާ ޓަމިނަލް ހުޅުވަނީ މިނިވަން 60ގެ މުނާސަބާގަ، މިމަހުގެ 26ވަނަ ދުވަހުއެވެ. އާ ޕެސެންޖަރ ޓަރމިނަލާއެކު، އަހަކު ޚިދުމަތް ދެވޭ ކެޕޭސިޓީ ގާތްގަނޑަކަށް 5ގުނަ އިތުރުވާނެއެވެ.