ޚަބަރު

ނޯތު ހާބަރުން ފެށިގެން ލޯކަލް މާރުކޭޓުގެ ހުރަސްތޮއްޓާ ހަމަޔަށް ހިންގުން އެމްޕީއެލްއަށް


  • ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން

  • ރަޖިސްޓްރީ ނުކުރާ އުޅަނދުތައް އޮގަސްޓް 1 ގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރަން ޖެހޭނެ

މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެމް.ޕީ.އެލްއާ ހަވާލުކޮށްފިއެވެ.

އެމްޕީއެލްއާއި މިތަން ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މާލޭގެ ވިޔަފާރި ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް މީގެ ކުރިންވެސް އެ ސަރަހައްދު ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ. އެހެންނަމަވެސް މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އެއީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ހިނގަމުން އައި ތަންތަނެވެ.

އެމްޕީއެލްއިން ވިދާޅުވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި އެމް.ޕީ.އެލްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޖޫން 4 ވަނަ ދުވަހުން ފެށިގެން މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެކުންފުންޏާ ޙަވާލުކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމުގައި އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ. އެމްޕީއެލްއިން ވަނީ އެ ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް އަންނަ އޮގަސްޓްމަހުގެ 1 ގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. އަދި ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހާބަރުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އެ ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރަންފަށާނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

އެމްޕީއެލްއިން ވިދާޅުވީ އެ ހާބަރުން ޚިދުމަތް ދޭނީ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް އެކަނިކަމަށެވެ. އަދި ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށްވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.

މާލޭ ނޯތު ހާބަރަކީ ކޮންމެ ދުވަހަކު އެތައް އުޅަނދު ފަހަރެއް މުދާ އަރުވާ ބާލާ، މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. އެމްޕީއެލްއިން މަސައްކަތް ކުރަމުންދަނީ ނޯތު ހާބަރުން ފަަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށެވެ. އެގޮތުން ފެނާއި ތެޔޮ ލިބޭނެގޮތާއި އަދި އިތުރު ސްޓޯރޭޖް ފެސިލިޓީތައް ނޯތު ހާބަރުގައި ހެދުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.