ޚަބަރު

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


  • ބޭރަށް ހިންގުމާއި ހޮޑުލުމާއި ބެހޭ 3763 ކޭސް ވަނީ ރިޕޯޓްކޮށްފަ

  • އިންފުލުއެންޒާގެ 239 ކޭސް މުޅިރާއްޖެއިން ރިޕޯޓްކުރެވިފައިވޭ

މި ދުވަސްވަރު ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރާ މިންވަރު އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފްލުއެންޒާ ފަދަ ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރެވިފައިވާ އަދަދުތައް ހިއްސާކުރައްވާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ހިންގާ ޖުލައި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން މުޅި ޖުމްލަ 3763 ކޭސް އެޗްޕީއޭއަށް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭއިން 2370 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން މިދިޔަ ހަފްތާގައި ރެކޯޑްކޮށްފައިވާ ކޭސްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން – މުޅި ރާއްޖެ

• ހަފްތާ 25 – 1109 ކޭސް
• ހަފްތާ 26 – 1107 ކޭސް
• ހަފްތާ 27 – 1547 ކޭސް

ބޭރަށް ހިންގުމާއި ހޮޑުލުން – މާލެ ސަރަހައްދު

• ހަފްތާ 25 – 561 ކޭސް
• ހަފްތާ 26 – 728 ކޭސް
• ހަފްތާ 27 – 1081 ކޭސް

ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ޖޫންމަހުގެ 15ވަނަ ދުވަހުން ފެށިގެން މި ހިންގާ ޖުލައި މަހުގެ 5ވަނަ ދުވަހާއި ހަމައަށް، ރޯގާގެ ގޮތުގައި ފެތުރޭ އިންފްލުއެންޒާ ބައްޔަށް ބަލާއިރު، މި މުއްދަތުގައި އިންފުލުއެންޒާގެ 239 ކޭސް މުޅިރާއްޖެއިން ރިޕޯޓްކުރެވިފައިވެއެވެ. އަދި މީގެ ތެރެއިން މާލެ ސަރަހައްދުން 228 ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ.

އިންފްލުއެންޒާ – މުޅި ރާއްޖެ

• ހަފްތާ 25 – 45 ކޭސް
• ހަފްތާ 26 – 86 ކޭސް
• ހަފްތާ 27 – 108 ކޭސް

އިންފްލުއެންޒާ – މާލެ ސަރަހައްދު

• ހަފްތާ 25 – 37 ކޭސް
• ހަފްތާ 26 – 85 ކޭސް
• ހަފްތާ 27 – 106 ކޭސް

ރޯގާގެ ގޮތުގައި ފެތުރޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާއި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާހާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން މުހިއްމުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އަދި ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުމާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމަށާއި، ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން މުހިއްމުކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓު ބޭނުންކުރުމަށާއި، ފެނާއި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބޭރަށް ހިންގުން ޖެހިއްޖެނަމަ ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ނުފޮނުވާ، މަސައްކަތަށް ނުނިކުންނަވާ ގޭގައި އަރާމުކުރުމަށާއި، އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.