ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އައު ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ޓްރަޔަލެކެވެ. އަދި ޓަރމިނަލް ހުޅުުވުމުގެ ކުރިންނާއި ޚިދުމަތް ފެށުމަށް ފަހު މުޅި ޓަރމިނަލަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.
އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެއެވެ. އޭގެ އިތުރުން އައު ޓަރމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުވެސް ވަނީ ޓްރަޔަލް ކުރިއަށްދިޔަގޮތް ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މި ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ސީއީއޯ ޝަރީފެވެ.
ސީއީއޯ ޝަރީފުގެ އިތުރުން މި ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާންއާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޓްރަޔަލްއަށްފަހު އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ އެމްއޭސީއެލްއާ ގުޅިގެން މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްތައް ކުރިއަށް ގެންދިއުމަކީ ލިބޭ އުފަލެއްކަމަށެވެ.
"ޔަގީންކުރައްވާ! މިއޮތީ މިކަން ފައްޓާފައި. މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް, ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި, ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި." އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން ތައްޔާރުވަމުން އަންނައިރު އައު ޓާމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ.
އެއަށްފަހު މިއަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަޤުވާމީ ގިނަ އެއަރލައިންތަކުގެ ޚިދުމަތްތައް އައު ޓާމިނަލަށް ބަދަލުކުރާނެއެވެ.